ޕީ.ޕީ.އެމްއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ރިޒާ އަވަހާރަވުމަކީ އެ ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއްކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ސެނެޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިބްރާހީމް ރިޒާ އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހައި މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއެކުކަމަށެވެ.

ބަޔާނުގައި ބުނީ އިބްރާހީމް ރިޒާ އަކީ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއްކަމަށާއި އެމަނިކުފާނަކީ ޑީއާރްޕީއާއި ޕީޕިއެމް އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ.

"ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ޚިދުމަތްތަކެއް އިޚުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެެއް." ބަޔާނުގައި ބުނެފައި ވެއެވެ.

ރިޒާ އަވަހާރަވިއިރު އޭނާ ކެންސަރަުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަދުވަސްތަކެއް ވެއްޖެއެވެ. ރިޒާ އަވަހާރަވީ މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު