ވެމްކޯއިން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިސާލެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ ކުނި މެނޭޖްކުރުމަށް ޚާއްސަކޮށް ޤާއިމުކުރި ކުންފުންޏާއެކު، ރާއްޖޭގައި ކުނި މެނޭޖްކުރާ ގޮތްތައްވެސް ވަރަށް ބޮޑަށް ހަރުދަނާ ކުރެވިއްޖެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގެ އިތުރުން ރ.ވަންދުއާއި، އައްޑުއާއި ފުވަމުލަކުގައިވެސް ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދެނީ ވެމްކޯއިންކަމަށާއި ވެމްކޯއިން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިސާލެއްކަމަށެވެ.

އަތޮޅުތެރޭގެ 144ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކޮށް، ކުނި މެނޭޖްކުރުމާއި ގުޅޭ އިތުރު 88 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ މާލޭގެ އިތުރުން ރ.ވަންދުއާއި، އައްޑުއާއި ފުވަމުލަކުގައިވެސް ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދެނީ ވެމްކޯއިންކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި ޤާއިމުކުރާ ވޭސްޓް ޓު އެނަރޖީ މަޝްރޫޢުގައިވެސް، އެ ފެސިލިޓީ މެނޭޖްކުރާނީ ވެމްކޯއިން ކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

ކުނި ކޮށިތައް ހެދުމާއި، ރަށްރަށުގައި ޒަމާންވީ ކުނި ފުނިތައް ރަށުން ބޭރުކޮށް އަދި ރަށްރަށުގައި ކުނި މެނޭޖްކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަންވެސް ޝައުނާ ފާހަގަކުރެއްވިއެެވެ.

"140އަށްވުރެ ގިނަ ރަށުގައި ކުނި މެނޭޖްކުރާ ސެންޓަރު ޤާއިމުކުރެވިއްޖެ. ވަރަށް ގިނަ ރަށްރަށުގެ ޒަމާންވީ ކުނި ފުނިތައް ރަށުން ބޭރުކުރެވިއްޖެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލަ އަތޮޅުތަކުގައި ބޮޑުކަމަށާއި ސަރުކާރުން މި ގެންނަ ބަދަލުތަކަކީ، މި މައްސަލަ ޙައްލުކޮށްދިނުމުގެ މުހިންމު ފެށުމެއްކަމަށެވެ.

ވެމްކޯގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ވެމްކޯގެ މުވައްޒަފުން ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު