ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރައީސްކަމުގެ ހުވާކުރެއްވި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އާއިމެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމުން މާދަމާ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅުމަށް ނިންމައިފިއެވެ.

ޕީޕީއެމުން މިއަދު ބުނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދުމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން މާދަމާ ހެނދުނު 10:15 ގައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރަށްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރަށްވަން ޖެހިވަޑައިގެންނެވި ތައިރޮއިޑް އޮޕަރޭޝަނަކާ ގުޅިގެންނެވެ.

ހޭނައްތައިގެން ކުރަން ޖެހޭ އޮޕަރޭޝަނަކަށް ވާތީ، އެވަގުތުކޮޅުގައި މަގާމްގެ މަސްއޫލިއްޔަތު ނައިބު ރައީސާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމައި ނައިބު ރައީސް ފައިސަލް ނަސީމް ރައީސްކަމުގެ ހުވާ ވަނީ ކުރަށްވާފައެވެ. އެމަނިކުފާނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

ރައީސްކަމުގެ މަސްއޫލިއްޔަތުތައް ފައިސަލާ ހަވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅު މަތީގައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސެއްގެ އަތްޕުޅަށް ބަދަލުކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާކުރެއްވިތާ 3 ގަޑިއިރު ފަހުން ރައީސް ސާލިޙު ވަނީ ވެރިކަމުގެ ބާރުތަކާއި އަލުން ހަވާލުވެވަޑައިގެން އެކަން މަޖިލީހުގެ ރައީސަށް އަންގަވާފައެވެ.

ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމުހޫރިއްޔާ، އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޛުރުވެރިވެއްޖެކަމަށް ގަބޫލުކުރެއްވިއްޖެނަމަ ސަބަބު ބަޔާންކޮށް އެކަން މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމުހޫރިއްޔާގެ ނާއިބާއި ހަވާލުކުރަންވާނެ ކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާ އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އަލުން ހަވާލުވާންވާނީ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ކަމަށް އެމާއްދާގައި ބުނެފައިވެެއެވެ.

އެހެން ނަަަމަވެސް ވެރިކަމުގެ ބާރުތައް ނާއިބާއި ހަވާލުކުރާއިރު ހުވާކުރަންޖެހޭނެ ކަމަށް ބުނާ މާއްދާއެއް ގާނޫނު އަސާސީއަކު ނޯވެއެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ މަގާމައިމެދު ސުވާލު އުފައްދަނީ މި ނުކުތާއަށް ރިޢާޔަތްކޮށެވެ.



ކިޔުންތެރިންގެ ހިޔާލު