ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދާ އިމާރާތް ބާވުމުގެ ސަބަބުން ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ނިންމައި އެ ތަނުގައި ކުރަމުން އަންނަ މަސައްކަތް ވަގުތުން ހުއްޓާލަން ނިންމާފައިވާ ކަމަަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފިއެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ ލޯކަލް މާރުކޭޓް ސަރަހައްދުގައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގައެެވެ. އެ އިމާރަތަކީ ވަރަށް ބޮޑަށް ބާވެފައި ހުރި އިމާރާތެކެެވެ. ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން މިއަދު އެ އިމާރާތުގެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެގޮތުން އެއީ ބޭނުން ކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން އިރުޝާދު ދީފައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެހެންވެ، ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރު ބުރީގެ ބާ އިމާރާތް ބޭނުންކުރުން އެ ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ވަގުތުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި ކޯޓުގެ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި ކަންކަން އަލުން ތަރުތީބުކޮށް، މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެ މައްސަލާގައި މީގެ ކުރިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ބުނީ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ވެސް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެހެން އިމާރާތަކުން މި ވަގުތު ޖާގަ ނެތް ކަމަށް އެ މިނިސްޓްރީއާ ހަވާލާދީ ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ޑީޖޭއޭއިން ބުނީ އިމާރާތެއް ހޯދަން ޓެންޑާ ކޮށްދޭން ޓެންޑާ ބޯޑަށް ފޮނުވުމުން، އިމާރާތެއް ނުލިބުނު ކަމަށް އެ ބޯޑުން މިދިޔަ އަހަރުގެ މާޗު މަހު އަންގާފައިވާ ކަމަށެެވެ.



ކިޔުންތެރިންގެ ހިޔާލު