މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމި ނިންމުމަކީ ހަރުދަނާ ނިންމުމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން މިއަދު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމަށް ނިންމައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

އަދާލަތުން އެމްޑީޕީއާއެކު 2023 އަށް ނުކުތުމަށް ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކު އެވެ. އަދާލަތުގެ ނިންމުމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި، 2018 ގައި އުފެދުނު މި ވެރިކަމުގައި ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމުގައި އިޚްލާސްތެރިކަމާއެކު ސަރުކާރަށް އެއްބާރުލުން ދީގެން މިހާތަނަށް ދެމިތިބި ކަމަށްޓަކައި އަދާލަތަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން މި ވެރިކަމުގައި ޤައުމަށް ގެނެސްދިން ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެވޭނީ އިއްތިހާދުގެ ސަރުކާރަކުން ކަމަށް އަދާލަތު ޕާޓީން ޤަބޫލުކޮށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމަކީ ޤައުމާއި ރައްޔިތުންނަށްޓަކައި ހަރުދަނާ ނިންމުމެއް ކަމަށް ދެކޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން ރައީސަށް ތާއީދު ކުރަން ނިންމާފައިވާއިރު ސަރުކާރު ކޯލިޝަނުގައި ދެން ތިބި ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާއި މެދު އަދި ގޮތެއް ނުނިންމައެެވެެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު