ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމަނިކުފާނާއެކު އަދާލަތު ޕާޓީން ކުރި މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު މިއަދު ވިދާޅުވީ އެ ޕާޓީއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހާ ދެމެދު ކުރި މަޝްވަރާތަކުގައި ކަންތައްތަކަކަށް އެއްބަސްވެވިފައިވާ ކަމަށެވެ. އެކަންކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް، މިރޭ ބާއްވާ އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަށް ހުށަހަޅާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމަޝްވަރާތަކުން ނިންމި ކަންކަމެއް އަދާލަތު ޕާޓީން އަދި ހާމައެއް ނުކުރެއެވެ.ވއަދާލަތު ޕާޓީއަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު ކުރިއަށް ދިޔުމާއިމެދު ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީއާއިއެކު މަޝްވަރާތައް އިއްޔެ ވަނީ ބާއްވާފައެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ މިއަދު ވިދާޅުވީ މީގެ ކުރިންވެސް އިންތިހާބުތަކުގެ ތެރެއަށް ވަދެފައިވާނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން މަޝްވަރާ ކުރުމާއިއެކު ހިސާބުޖަހާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"މިއަހަރުވެސް މިކަންކަން ކުރިއަށްވުރެ ތަރުތީބުކޮށް ކުރެވޭކަމީ އުފާކުރާކަމެއް، މާތް ﷲ އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާ ފެންނާނެ." އިމްރާން ވިދާޅުވިއެވެ.

އައު ޤާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިޚާބެއްގައި ޢަދާލަތުން މިހާތަނަށް ވަކިން ވާދަކޮށްފައެއް ނުވެއެވެ. އެގޮތުން 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީއާއެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާއިރު، އެ އިންތިހާބު ކާމިޔާބުކުރީ ޖޭޕީވެސް ހިމެނުނު އެމްޑީޕީ ކޯލިޝަނުންނެވެ.

2013 ވަނަ އަހަރު ޕީޕީއެމް ކޯލިޝަނުގައި އަދާލަތު ޕާޓީން ބައިވެރިވިއިރު 2018 ގައި އަދާލަތު ބައިއަތު ހިފީ އެމްޑީޕީއާއެވެ.



ކިޔުންތެރިންގެ ހިޔާލު