މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން އެމްޑީއޭއިން މިއަދު ނިންމައިފި އެވެ.

މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ޝިޔާމް ލީޑަރުކަން ކުރަށްވާ އެމްޑީއޭއިން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމީ މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

ގައުމީ ޖަލްސާގައި އެގޮތަށް ނިންމާފައިވާއިރު އެމްޑީއޭގެ ލީޑަރު ސިޔާމް ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ދޫކޮށްލައްވައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ގައުމީ މަޖިލީހަށް ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް ބައެއް މެންބަރުން ތާއިދު ނުކުރި ނަމަވެސް އެކަމަށް އަދި ވަކިގޮތެއް ނުނިމެއެެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކޯލިޝަނެއް ހަދައިގެން ނިކުމެވަޑައިގަތުމަށް ނިންމަވައި ރައީސް ސޯލިހް ވަނީ މިހާރު ސަރުކާރުގައި ތިއްބެވި ކޯލިޝަން ޕާޓީތަކަށް ވެސް އެދައުވަތު ދެއްވާފަ އެވެ. މިހާތަނަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ އަދާލަތު ޕާޓީންނެވެ.

އެމްޑީއޭ އިން އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކުގައި ކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު