ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިހުންނަ ބައެއް އެކައުންޓުތަކުގެ ވެރިންނަށް ނޭނގި އެ މީހުންގެ އެކައުންޓުތަކުން ފައިސާ ކެނޑޭ ނުވަތަ ގެއްލޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަޒް (އެސްއޯއީ) ކޮމެޓީއަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ހުށައަޅުއްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބުދު ﷲ ރިޔާޒު ހުށައެޅުުއްވި މައްސަލައިގައި ބުނެފައިވަނީ ބީއެމްއެލްގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުން ފައިސާ މަދުވާ މައްސަލާގައި އެކައުންޓުތަކުގެ ވެރިފަރާތްތަކުން އުދާސް ފާޅުކޮށް، ޝަކުވާ އުފުލިކަމުގައި ވިޔަސް، ބޭންކު އޮފް މޯލްޑިވްސް އާއި ޤާނޫނު ތަންފީޛް ކުރާ އިދާރާއާއި ބޭންކިންގެ ދާއިރާގެ ބެލެނިވެރި ފަރާތް ކަމުގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާތަނަށް ޒިންމާދާރުކަމާއެކު ބަހެއް ވިދާޅުނުވުމާއި އެއްވެސް އިޖާބައެއް ދެއްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އަވަހަށް ނިމުމެއް ގެނައުމަށް އެކޮމިޓީން މި މައްސަލަ ބައްލަވައި މިކަމުގައި އެހީތެރިވެދެއްވުމަށް އެމައްސަލައިގައި ރިޔާޒު ވަނީ އެދިވަޑައިގެންފައެެވެ.

އެމައްސަލައިގައި އިތުރަށް ބުނެފައިވަނީ ބަރަކާތްތެރި ރަމަޟާން މަސް ބޯމަތިވެފައިވަނިކޮށް ރައްޔިތުންގެ އެތައް ބައެއްގެ އެކައުންޓުތަކުން ވީނުވީއެއް ނޭނގޭ ގޮތަށް ފައިސާ ގެއްލުމަކީ ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖެއްސުމުގައި އެފަރާތްތަކަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން މަޖުބޫރު ކުރާނެ ޙާލަތެއް ކަމަށް އެޕާޓީން ޤަބޫލުކުރާކަމަށެެވެ. އަދި މި ޝަކުވާތައް އަވަހަށް ބައްލަވާ، ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް އެފައިސާ އަވަހަށް ލިބޭނެ އިންތިޒާމުތައް ސަރުކާރު މެދުވެރިކުރައްވައިގެން ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް އެމްއެންޕީގެ ފަރާތުން ވަނީ އެ ކޮމިޓީގައި އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު