ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ހައިކޯޓުން މިނިވަންވާނެ ކަމަށާއި އަދި އެމަނިކުފާނުގެ ޒައާމަތެއް 2023 ގައި ފެށިގެންދާނެ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކުރުމާއި ގުޅިގެން އެމަނިކުފާނު މިވަގުތު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރަށްވަމުންނެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިއްޔެ ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ، ޔާމީނަށް ކޮށްފައިވާ އެ ހުކުމް ހައިކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުންރިޔާސީ އިންތިހާބަށް ވަގުތު އޮއްވައި ހައި ކޯޓުން ކުރީގެ ރައީސް ޔާމީން މިނިވަން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ޒައާމަތެއް 2023 ވަނަ އަހަރުގެ އިންތިހާބަށް ފަހު ފެށިގެން ދާނެ،" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އިސްތިއުނާފުގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން ހައި ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޔާމީން ކުރިން ޖަލަށްލި މައްސަލާގައި ކަފާލާތު ނުލިބުނު ނަމަވެސް މި މައްސަލައިގައި ދަށު ކޯޓުން ހަދާފައިވާ ގޯސްތަކުގެ ސަބަބުން ކަފާލާތު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނީ ގޮތުން އެމައްސަލައިގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން ކުރި ދައުވާ އާއި ލިބުނު ހެކިތަކާ ދިމާނުވާކަން ޖަމީލު ފާހަަގަކުރެއްވިއެވެ. ޖަމީލު ވަނީ ޔާމީންގެ މައްސަލަ ބައްލަވާ ކޮންމެ ފަނޑިޔާރަކު މަތީ ކޯޓުތަކަށް ޕްރޮމޯޓް ކުރާކަމަށް ވިދާޅުވެ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަށްވާފައެެވެ. ޖަމީލު އިތުރަށް ވިދާޅުވީ އެކަމާ ދެކޮޅަށް ކޯޓުތަކުގެ އިސް ބޭފުޅުން މަސައްކަތް ކުރަންޖެހޭ ކަމަށެވެެ. އެހެން ނޫން ނަމަ ގާނޫނުގެ ހުކުމް ދެމި ނޯންނާނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު