ޒިމްބާބުވޭގައި ވެރިކަންކުރި ރޮބަޓް މުގާބޭފަދަ ހުދުމުހުތާރު ވެރިންފަދަ މީހުންނަށް މި ރާއްޖޭގެ ކޮންޓްރޯލެއް ދެން ނުނެގޭނެކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު މިހެން ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސެއްގައި ރައީސް ނަޝީދާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކަށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދުގެ ފިކުރަށް ތާއީދުކުރާ ބަޔަކު ނޫޅޭކަމަށާއި، އަދި ދެން އެ ފިކުރަށް ތާއީދެއްވެސް ނުލިބޭނެކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތައް ތަރައްޤީކުރަމުން ގޮސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އޮތް ތާއީދު ވަނީ އިތުރުވެފައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ސަރުކާރުން ރައްޔިތުންނަށް ދަތިވާ ގޮތަށް ކަންކަންކޮށްފައިވާކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

"ގައުމަށް ކިރިޔާވެސް ދަތިވާއިރަށް ހަރު މުދާ ވިއްކީ. ޖީއެމްއާރަށް އެއަރޕޯޓް 80 މިލިއަން ޑޮލަރަށް ވިއްކާލީ. ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ވިއްކާލީ. މުވައްޒަފުންގެ މުސާރަ ކުޑަކުރީ." އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ވިޔަފާރިވެރިން ހިމެނޭގޮތަށް އެކި ފަރާތްތަކަށް އުނދަގޫތައް ޖެއްސިނަމަވެސް، މިއަދު އެ މަންޒަރު ނުފެންނަކަމަށެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުން އެފަރާތްތަކަށް ކޮށްދޭ މަސައްކަތްތައް ފާހަގަކުރަމުންދާކަމަށް މެމްބަރު އިސްމާއިލް ވިދާޅުވިއެވެ.

"މިއަދު މި ފެންނަނީ ސިޔާސީ ވާދަވެރިކަމުގައި ލިބޭނެ އެއްޗެއް ނެތަތީވެ، ސިޔާސީ ފަހު ހަޔާތް ވޭތުކުރާ ދުވަސްތަކުގައި އުފުލާންޖެހޭ އަދި ކުރާ އަސަރުގެ ބޮޑު މިންވަރު. ދެން މި ރާއްޖެ ތި އިންތިޒާރުކުރާ ތަނަކަށް ދާ މަންޒަރެއް ނުފެންނާނެ." އިސްމާއިލް ވިދާޅުވިއެވެ.



އިސްމާއިލް ވިދާޅުވީ މި ރާއްޖޭގެ ވެރިކަމަށް ރައީސް ނަޝީދެއްވެސް، ރައީސް ނަޝީދަށް ބައިއަތު ހިފާފައި ހުރި މީހަކުވެސް ނާންނާނެކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބު ބޮޑުތަނުން ރައީސް ސާލިހު ކާމިޔާބުކުރައްވާނެ ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު