މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑްގެ ލެބޯޓަރީއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އައު ޚިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފްކުރީ މިކަމަށްޓަކައި މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއެވެ.

މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް އާއި، ބޯޑް ޑިރެކްޓަރުންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް އާއި އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.



މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިގ ޑިރެކްޓަރ ޙަސަން ޝާޙް ވިދާޅުވީ؛ އަލަށް ތައާރަފު ކުރެވިގެންމިދިޔަ ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިންގގެ ޚިދުމަތަކީ ދިވެހިރާއްޖެގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ޚިދުމަތްތައް ދެމުންދާ ކުންފުނި ތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ޚިދުމަތެއް ކަމުގައެވެ.

އަދި މި ޚިދުމަތުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމްކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމެނަޓްތައް ދަމަހައްޓައި، މި އިކުއިޕްމަނޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާއި މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމުގައިވެސް މެނޭޖިގ ޑިރެކްޓަރ ޙަސަން ޝާޙް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އަލަށް ތަޢާރަފް ކުރެވުނު މިޚިދުމަތް، އެމް.ޑަބްލިޔު.އެސް.ސީ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުއައްޒަފުން މެދުވެރިކޮށެވެ. މިޚިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމުގެ ގޮތުން، މިޙިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓަރސްތަކުގެ ތެރެއިން ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެއެވެ. އަދި އެމްޑަބްލިޔުއެސްސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދިލެއްވުމުން އިކުއިޕްމެންޓް ހުރި ތަނަށް އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ގޮސްގެންވެސް މި ޚިދުމަތް ލިބޭނެގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުއިފަސޭހައެކެވެ.

ލެބް އިކުއިޕްމަންޓް ކެލިބރޭޝަން ޚިދުމަތަށް އެދިލެއްވުމަށް، އެމްޑަބްލިޔުއެސްސީގެ ޝޯވރޫމަށް ޒިޔާރަތްކުރައްވައިގެން ނުވަތަ އެމް.ޑަބްލިޔު.އެސް.ސީގެ ޝޯރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅުއްވައިގެން ކުރިޔަށްގެންދެވޭނެއެވެ. ނުވަތަ ބޭނުންވާ މައުލޫމާތު .mv.com.mwsc@sales އަށް ހިއްސާކުރަށްވައިގެން ކުރިޔަށްގެންދެވޭނެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަށް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތަށް ފަސޭހަކަމާއެކު ފޯރުކޮށްދީ ކުރިއެރުވުމެވެ.



ކިޔުންތެރިންގެ ހިޔާލު