އަހުމަދު މަސްނޫމް   22 ފެބްރުއަރީ 2023 - 10:41
އެމްޓީސީސީން "ސުޕަވައިޒަރސް ފޯރަމް 2023" ރޭ ބާއްވައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނާއި އެޗް.އާރ. ޑިވިޜަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ.

މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، 88 ސައިޓް ސުޕަވައިޒަރުން މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސައިޓް ސުޕަވައިޒަރުންނަކީ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނެވެ. މިއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގުނު މިފަދަ ދެވަނަ ފޯރަމެވެ. ރޭ ބޭއްވި މި ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި ފޯރަމްގެ ބައިވެރިންނަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންތަކުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި، ސީއީއޯ އާދަމް އާޒިމް، ބައިވެރިންނާއި މުޙާތަބް ކުރައްވާ މަޝްރޫޢުތައް ހިންގުމާއި ގުޅޭގޮތުން މުހިއްމު މަޢުލޫމާތުތަކެއް ޙިއްސާކުރެއްވިއެވެ. އަދި އެމްޓީސީސީގެ އެކިއެކި ޑިވިޜަންތަކުގެ ވެރިންނާއި ޓެކްނިކަލް އެކްސްޕަރޓުންވެސް ސެޝަންތައް ނަގައިދެއްވިއެވެ.

މިގޮތުން، އެމްޓީސީސީން ހިންގާ މަޝްރޫޢުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި، ސަރުކާރުން ބޭނުންވާ އަވަސް މިނުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، ޙަރަދުކުޑަކޮށް، މަޝްރޫޢުތައް ނިންމަން އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫޢުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރެވުނެވެ. މީގެ އިތުރުން، ކުންފުނީގެ މެޝިނަރީޒްއާއި ވަސީލަތްތައް ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގުތެރެއިން ކުންފުންޏަށް އެންމެ ފައިދާވާގޮތަށް އޭގެ ބޭނުންކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.



އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏަކަށްވާތީ އެމްޓީސީސީއާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ފޯރަމްގައި އަލިއަޅުވާލެވުނެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ޢާއްމުންވެސް، ސިއްޙީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަންޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާ މިކަމާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ފޯރަމްގެ ބައިވެރިންނާއި ޙިއްސާކުރެވުނެވެ.

މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކަށް މުވައްޒަފުން ހޭލުންތެރިކުރެވުންވެސް ޕޯރަމްގައި ކުރިއަށް ގެންދިޔައެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ އެންމެ މުހިއްމު ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށްވާތީ މިފަދަ ހޭލުންތެރިކަމުގެ ފޯރަމްތަކުގެ އިތުރަށް، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލަރޝިޕާއި ޓްރޭނިންގ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމްޓީސީސީން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއްކަމަށެވެ. މިގޮތުން، ވޭތުވެދިޔަ އަހަރު، 2043 މުވައްޒަފުން 920,26 ގަޑިއިރުގެ ޓްރޭނިންގް ފުރިހަމަ ކުރިކަމަށާއި އަދި 2021 ވަނަ އަހަރު 11 ސްކޮލަރޝިޕް އަދި 2022 ވަނަ އަހަރު 8 ސްކޮލަރޝިޕް ފުރުސަތު، ތަފާތު ރޮނގުތަކުން ރާއްޖޭން ބޭރުގައި ކިޔެވުމަށް، ކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރަން ކުރާ ހޭދައިގެ ނަތީޖާވެސް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި ކަސްޓަމަރުންނާއި ޢާއްމު ރައްޔިތުންގެ މެދުގައި ޓީމް އެމްޓީސީސީގެ މަޤްބޫލުކަން ވަނީ އެތައް ދަރަޖައަކަށް މައްޗަށް ގޮސްފައި ކަމަށް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު