ސޯޝަލް މީޑިއާއަށް ބަލާލުމުން މިއަދާއި އިއްޔެ ފެންނަނީ 2 ކަމަކާއި ގުޅޭގޮތުން މީހުން ކަންބޮޑުވެގެން އުޅޭ މަންޒަރެވެ. އެއް ކަމަކީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އުފެދިގެން އުޅޭ ބަހުސްތަކެކެވެ. މީހުން ކަންބޮޑުވުން ފާޅުކުރަމުންދާ އަނެއް މައްސަލައަކީ ދިވެހި ރައްޔިތުންގެ ގައުމީ ބެންކު، އާދެ, ބެންކް އޮފް މޯލްޑިވްސްގައި ހުރި އެކައުންޓްތަކުން ފައިސާ ގެއްލެމުންދާ ވާހަކައެވެ. މިފަހަރު ދައްކަން މިއުޅެނީ މި ވާހަކައެވެ.

ބީއެމްއެލްގައި ހުޅުވާފައި ހުންނަ އެކައުންޓްތަކުން، އެ އެކައުންޓްތަކުގެ ވެރިންނަށް ނޭނގި ފައިސާ ނަގާ މައްސަލައަކީ އާ ވާހަކައެއް ނޫނެވެ. ކިތަންމެ ބަޔަކަށް މިކަމެއް ދިމާވެގެން އެ ވާހަކަ އެބަ ދައްކައެވެ. އެކިއެކި ޓްރާންސެކްޝަންތަައް ހިންގާލާއިރު އެކައުންޓްތަކުގެ ވެރިންނަށް ނޭނގޭކަމަށް އެ މީހުން ބުނެއެވެ.



އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލައަށް ބަލާލާއިރު ބައެއް ފަހަރު ހުންނަނީ ބޭރުގެ ކޮންމެވެސް ތަނަކަށް އެ ފައިސާ ފޮނުވާފައެވެ. ނޫނީ ބީއެމްއެލްގެ އެކައުންޓަކަށް އެ ފައިސާ ފޮނުވާފައެވެ. ނޫނީ ބީއެމްއެލުން ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ޕީއޯއެސް ނުވަތަ ކޭޝް ކާޑު މެޝިނުން ކަނޑާފައެވެ.

ވެރިފަރާަތަށް ނޭނގި މިގޮތަށް ހިންގާ ޓްރާންސެކްޝަންތަކުގައި ރާއްޖެއިން ބޭރުގެ އެކައުންޓަކަށް ފައިސާ ފޮނުވުމުން އެކަން ތަހުގީގުކޮށް، އެ ފައިސާ ހޯދުން އުނދަގޫވެދާނެެއެވެ. ނަމަވެސް އެ ފައިސާ ފޮނުވާފައިވަނީ ރާއްޖޭގެ ބެންކަކަށްނަމަ، ނުވަތަ ބީއެމްއެލްގެ އެކައުންޓަކަށްނަމަ އެ ފައިސާ ހޯދަން އުނދަގޫ ވެގެން ނުވާނެއެވެ. ވެރިފަރާތަށް އެނގުމަކާއި ނުލައި ބީއެމްއެލްގައި ހުޅުވާފައި އޮންނަ އެކައުންޓަކުން، ބީއެމްއެލްގައި ހުޅުވާފައި އޮންނަ އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރާ ހާލަތުގައި ބީއެމްއެލުން ކުރެވޭނެ ކިތަންމެ ކަމެއް އޮންނާނެއެވެ. ނަމަވެސް މިކަންކަމުގައި ބީއެމްއެލުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްނުދޭކަމީ އާއްމުންގެ އެންމެ ބޮޑު ޝަކުވާއެވެ.



ބީއެމްއެލްއަކީ ބިލިއަނަކާއި ގާތްކުރާ އަދަދަކަށް ފައިދާވާ ކުންފުންޏަކަށްވާއިރު ކަސްޓަމަރުންގެ އެކައުންޓްތަކުން ބީއެމްއެލުން ވައްކަން ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ހާލަތުގައި އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްނުދޭނަމަ މި ހިނގަމުންދާ ކަންކަމާއި ބީއެމްއެލާ ގުޅުވުމުގެ ފުރުސަތު އާއްމުންނަށް އޮންނާނެއެވެ. އެ ވާހަކަތައް މިއަދު އެ ދަނީ އިވެމުންނެވެ.

އެކައުންޓުތަކުން ފައިސާ ގެއްލެނީ ބީއެމްއެލްގެ ބައިވެރިވުމާއެކުކަމަށް ގަބޫލުކުރާ މީހުން މިއަދު މަދެއް ނޫނެވެ. އެ ވާހަކަ ދައްކާ މީހުންގެ ތެރޭގައި ކަމުއޮށިގެންވާ މީހުންވެސް ހިމެނެއެވެ. ނަމަވެސް ރާއްޖޭގެ ބޮޑެތި ކަމަށްކިޔައިއުޅޭ ބައެއް މީޑިއާތަކަށް ބީއެމްއެލުން ދީފައިވާ ސްޕޮންސަރތަކުގެ ސަބަބުން އެފަދަ ވާހަކަތައް ރަސްމީ ސިފައެއްގައި އާންމުންނާ ހަމައަށް ނީވެނީއެވެ. އެ މަންޒަރުތަކާއި އަޑުތައް ހަމައެކަނި އިވި، ފެންނަނީ ސޯޝަލް މީޑީއާއިންނެވެ.

މީހުންގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލައިގައި ބީއެމްއެލަށް ކޮށްދެވޭނެ ކިތަންމެކަމެެއް އެބަހުއްޓެވެ. އެންމެންނަކީ ބީއެމްއެލުން ސޯޝަލް މީޑިއާގައި ދައްކާ އިޝްތިހާރުތައް ބަލާ މީހުނެއް ނޫނެވެ. އަދި އެންމެންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެއް ނޫނެވެ. އެހެންކަމުން ކަސްޓަމަރަކަށް މިފަދަ ކަމެއް ދީމާވުމުން އޭނާއަށް އެހީތެރިވެ، އެ މީހެއްގެ އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތުތަައް ހުރީ "ކޮމްޕްރޮމައިޒް" ނުވަތަ އެހެން ބަޔަކަށް ލިބިފައިތޯ ޗެކްކޮށް، ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކުރުމަށް އެހީތެރިވެވިދާނެއެވެ.



މީގެއިތުރުން އެކައުންޓުތަކުން ފައިސާ ގެއްލޭ ހާލަތުގައި، ގެއްލުނު ފައިސާ ޖަމާވެފައި ވަނީ ބީއެމްއެލްގެ އެކައުންޓަކަށްނަމަ ގެއްލުން ލިބުނު ކަސްޓަމަރަށް އެ ފައިސާ ލިބޭނެ ގޮތްތަކެއް އިންތިޒާމްވާން އެބަޖެހެއެވެ. އަދި ޝައްކު ކުރެވޭ މުއާމަލާތްތައް ހުއްޓުވަން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހެއެވެ. ޕިން ނުޖަހާ ކޭޝް ކާޑު ބޭނުން ކުރާއިރު، އެކަމަށްވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅެންޖެހެއެވެ.

ކަސްޓަމަރު ބޭނުންވާނަމަ އޭނާގެ ކޭޝް ކާޑަކީ ޕާސްވޯޑް ނުވަތަ ޕިން ޖަހައިގެން ބޭނުންކުރެވޭނެ ކާޑަކަށް ހެދުމުގެ އިހުތިޔާރު އޮންނަންވާނެއެވެ. ކާޑު ވަގަށް ނަގައިގެން ކޮންމެ މީހަކަށްވެސް ބޭނުންކޮށްލުމަށް އޮތް ދޮރު ބަންދުކުރަންޖެހެއެވެ. އެހެންނޫނީ ބީއެމްއެލްގެ އެކައުންޓުގައި ފައިސާ ބެހެއްޓުމެކޭ، ތަޅުނުލައި ހުންނަ ތިޖޫރިއެއްގައި ފައިސާ ބެހެއްޓުމެކޭ ތަފާތެއް ނޯންނާނެއެވެ. ކޮންމެ މީހަކުވެސް އައިސް ފައިސާ ނަގަންވީއެެވެ.

މިފަހުން ބީއެމްއެލުން އެންމެ ބާރުލާފައި ދެއްކި އެއްވާހަކައަކީ އެބޭންކްގެ ޑިޖިޓަލް މުއާމަލާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރި ވާހަކައެވެ. އެގޮތުން ކުރިން ނެތް ތަޅުތައް އަޅުވައި ކުރިން އީމެއިލް މެދުވެރިކޮށް ވަން ޓައިމް ޕާސްވޯޑް ގެނެވޭ އުސޫލުވެސް ބަދަލު ކުރިއެވެ. ނަމަވެސް މިފަހަރު މިއިވޭ އަޑުތަކަށް ބަލާއިރު މިފަހަރު އެބުނާ ވަރުގަދަ ސެކިއުރިޓީ ތަޅު ހުޅުވާލީ ޑިޖިޓަލް ވޮލެޓުންނެވެ. މީހެއްގެ ޑިޖިޓަލް ވޮލެޓަށް ވަދެ އެކައުންޓުން އެއަށް ފައިސާ ޓްރާންސްފަރކޮށްގެން ފިހާރަތަކުން ވިޔަފާރި ކޮށްލަނީއެވެ.

މީސް މީޑިއާގައި ކިތާބީ ހެއްކާއެކު މިފަހުން މީހަކު ހިއްސާކޮށްފައިވާ މިދެންނެވި ފަދަ މުއާމަލާތްތައް ފެނިފައި މީހަކު ބިރުން ފިއްކަނޑައިގެން ދާހާވެއެވެ. މީހެއްގެ އެކައުންޓުން 250000 އަށްވުރެ ގިނަ ރުފިޔާ ހިނދުކޮޅެއްގެ ތެރޭގައި ބޭނުންކޮށްލާފައި އެވަނީ ކައިފައި ވައެއް ލާހާވެސް ފަސޭހަކޮށެވެ. މިކަން ދިމާވެގެން އޭނާ އިންސާފު ހޯދަން ޓަކި ނުޖަހާ ދޮރެއް މިހާރަކު ނެތެވެ. އަދި ހަމަ އަލިމަގެއް ނުފެނެއެވެ. ކަހާތަން ހިރުވާވެސް ނުލައެވެ.

އިހަށް ދުވަހު ހަމަ މިގޮތަށް "އެކައުންޓް ދޮވެލި" ހާދިސާއެއް ދިމާވި ލ. އަތޮޅު އިސް ރަށްވެއްސަކު ބުނީ އޭނާގެ އެކައުންޓުން މީހަކު އެފަދަ މުއާމަލާތްތަކެއް ކުރާކަން އެނގުނީވެސް ބީއެމްއެލުން ގުޅުމުން ކަމަށެވެ. އެތަނުން އޭނާއާއި ގުޅީ ޑިޖިޓަލް ވޮލެޓްގެ މާސްޓަރ ކާޑް ބޭނުންކޮށްގެން ބޮޑެތި އަދަދު ތަކުން ވިޔާފާރި ކުރާކަން ފާހަގަ ވެގެން ކަމަށް ބުނެއެވެ. މިދެންނެވި އެކައުންޓުގެ ވެރިމީހާއަކީ ދުވަހަކުވެސް ޑިޖިޓަލް ވޮލެޓްގެ ކާޑު ބޭނުންކުރާ މީހަކަށް ނުވާތީ ބޭންކަށް ޝައްކުތަކެއް ވީޔޯލައެވެ. އެކަމަކު ގުޅީ ކައި ދިރުވާކާ ގޮހޮރަށް ވެސް ދިޔަފަހުންނެވެ.

މިދެންނެވި އެކައުންޓްގެ ވެރިފަރާތަކީ ޑިޖިޓަލް ވޮލެޓް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްވެސް ނޫނެވެ. އެކަމަކު މިއޮތީ އެބުނާ ވޮލެޓުން ކާޑު ނަގައިގެން އެއްކަލަ ހައި ސެކިއުރިޓީ ތަޅުވެސް ހުޅުވާފައެވެ.

މިދެންނެވި ޑިޖިޓަލް ވަގުން ވިޔާފާރި ކޮށްލާފައި ހުރި ތަންތަނަށް ބަލާއިރު ބޮޑެތި އަދަދުތަކުން އެއްފިހާރައަކުން ވިޔާފާރި ކޮށްފައި އެބަހުއްޓެވެ. ރެއެއްގެ މައްޗަށް ފަސް ހަހާސް ރުފިޔާ ނުވަންނަ ފިހާރައަކުން އެއްފަހަރާ ފަންސާސް ހާހުން މަތިން ވިޔަފާރިކޮށްލައިގެން ދިޔައިމާވެސް ސޭޓަކަށްވެސް އަދި ދައުލަތުގެ ކަމާބެހޭ ފަރާތަކަށްވެސް ޝައްކެއް ނުކުރެވެއެވެ. އަޅައެއް ނުގަނެއެވެ. ކަންބޮޑެއްވެސް ނުވެއެވެ.

ބީއެމްއެލަށް ބިލިއަނުން އާމްދަނީ ލިބޭއިރު އެމީހުންގެ ވިޔަފާރި ތަރައްގީކޮށް ކުރިއަރުވަންޖެހެއެވެ. ހަމައެކަނި ޑިޖިޓަލައިޒް ކުރިއަކަސް ތަރައްގީއެއް ނުވާނެއެވެ. ބޭންކުގެ ކަސްޓަމަރުންނަށް ޔަގީންކަމާއި އިތުބާރުވެސް ބޭނުންވެއެވެ. އެކަންކަން ހަރުދަނާ ކުރަން ބީއެމްއެލުން މިހާރަށްވުރެ ބޮޑަށް އިންވެސްޓްކުރަންޖެހެއެވެ. އެހެންނޫންނަމަ ބީއެމްއެލަށް ކުރާ އިތުބާރު ދުވަހަކަށްވުރެ ދުވަހެއް ދާނީ ދަށަށެވެ. މީހުން ކިޔާ އެއްޗެހި ވާނީ އިތުރެވެ. އާއްމުންނަށް މާގިނަ ޗޮއިސްތަކެއް ނެތީމަ ބީއެމްއެލް ނޫން ގޮތެއް މިވަގުތަށް ނެތަސް، ކަންކަން ބަދަލުވާނެ ގޮތެއް ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

މަނަމަނަ

02-Mar-2023

ނޭނގޭ ކޮސް އަނގަ ތެޅުމަކީ ދިވެހިން ވަރަށް ފަރިތަ ކަމެއް. އެޕް އޮންނަނީ އެއް ފޯނުގަ, ބޭންކަށް ދީފަ އޮންނަ ނަމްބަރ އިންނަނީ އެހެން ފޯނެއްގަ, އެ ފޯނަށް ހުރިހާ ނޮޓިފިކޭޝަން ދޭ, އެކަމަކު އެ ފެންނަ މީހެއް ނުހުރޭ. އެޕް އަޅާފަ އޮތް ފޯނު ނަގައިގެން ކުދިން ތިބެނީ ގޭމް ކުޅެން. ދެން ލާރި ގެއްލުނީމާ ކޮންމެ މީހަކު ތެޅިގަންނަނީ.


-9

އަބުދުލޯ

20-Feb-2023

މިކަންތައްތައް ހިންގަނީ ހަމަބެންކުތެރެއިން އެހެންނޫންނަމަ ފުލުހުންނައްއެއްބާރުލުންދީގެން އެފައިސާހޯދަންބޭންކުން މަސައްކތްކުރާނެ ނުބުނާނެ ތިމަންނަމެންނަކައް ނުހޯދޭނެއޭ


4

ފަސްހިޔަނި

20-Feb-2023

ތިޔައީ އެތާ އެތެރެއިންހިއްގާ ޖަރީމާއެއް ކޮންމެތަނެއްގާވެސްއުޅޭނެ ވަގުން އެމުއައްސަސާ ހަލާކުކޮށްލަނީއެތާއެތެރޭގައިއުޅޭ ވައްކަންކުރާ މީހުން އަތާތިބޭވެރިންނަކަށްހިޔަނިވެސްއަންގާނުލާ ކަންކޮށްލާނެ އެހާހުޝިޔަރުވާނެ ބިލެމީހިކުނުހުނާނެ ވާނެއެތިވެފާތިޔައޮތީ ދެންވެސްނުކަނީސްފިޔަވަޅުއަޅާބަލާ އަރެމެންގެ ލާރިތައް ތިކާލާހުސްކޮލަނީބާ؟.


-6

ޑޮލަރ

20-Feb-2023

މާލެގައި ބަހައްޓާފަ ހުންނަ ޑޮލަރ އޭޓީއެމުން ނަގާޑޮލަރ ވީދި ހަލާކުވެފަ ހުރުމަކީވެސް އާއްމުކޮށް މިހާރު ދިމާވާ ކަމެއް. އެހެންވެ މިވާހަވެސް ބުނެލީ


-7

Hanee

20-Feb-2023

އަދި މާބޮޑައްވެސް ރަނގަޅުވީސް ކުރީގެ ވެރިކަން ކުރި މީހަކު ދައުލަތުގެ ތިޖޫރިން ވައްކަން ކޮއްގެން ޖަލައްލައިފަ އޮތް ވާހަކަ ބުނެލާފަ ލިޔަން ފެށިނަމަ.



ޓްރެންޑިން