ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ފޯމް ހުށަހެޅުމަށް އޮންނަ މުއްދަތު އިތުރުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން، އީސީން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އެކަމަށް ބޭނުންވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އޮންނަ މުއްދަތު އިތުރު ކުރުމަށްޓަކައި ރިޔާސީ އިންތިހާބާބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާކަމަށެވެ.

ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެބަދަލު އަންނަ އޭޕްރީލްމަހުގެ ކުރިން ގާނޫނަށް އަންނާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ރިޔާސީ އިންތިހާބަށް ފޯމް ހުށަހެޅުމަށް މިހާރު އޮތް 10 ދުވަހުގެ މުއްދަތުގެ ސަބަބުން އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހުށަހަޅަނީ އެ ބަދަލަކީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލެއްވުމަށް ގާނޫނުގައި މިހާރު އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 23 އިން އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައްވާނެ ކަމަށްވެސް އިލެކްޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު