ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ވަނީ ތާރު އަޅާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ހިސާބުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރާނެކަމަށެވެ. އަދި އަންނަ ރޯދަމަހުގެ ފަހުން އެ މަސައްކަތް ފަށާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ރިންގް ރޯޑް ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރީ 2018 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. ރިންގް ރޯޑް ތަރައްޤީކުރީ 4 ލޭނަށް، ދެކޮޅަށް ދުއްވޭގޮތަށް އެންމެ ޒަމާނީ ފެންވަރަށެވެ.

މާލޭ ރިންގްރޯޑުގެ މަސައްކަތަކީ ސިނަމާލެ ބްރިޖްގެ މަސައްކަތާ ގުޅުވައިގެން ފެށި އެންމެ މުހިންމު އެއް މަސައްކަތެވެ. ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ، ބުރިޖު ހުޅުވާއިރު ބުރިޖަށް ވަދެވެން އޮންނަ ބޮޑު މަގަކީ ވީހާވެސް ތޮއްޖެހުން ކުޑަ ދުއްވަން ފަސޭހަ މަގެއްގެ ގޮތުގައި ހެދުމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރުނާޅައި އޮތް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާއިރު، އަމީނީ މަގު ޒާމާނީ ފެންވަރަކަށް ހަދައި ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު