ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ދަށުން ސިޓީ ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން ލަސްވި ސަބަބު ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއަށް ވާނީ އަންގާފައިކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރ މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ފެބްރުއަރީ މަހު ބާއްވަން ޖެހޭ ބައްދަލުވުން މާރޗް މަހުގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމީ ތަނުގެ ދަތިކަން ކުރިމަތިވުމުން ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މާލެ ސިޓީ އަކީ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަމުގައި ވުމުން ތަނުގެ ދަތިކަން އެހެން ކައުންސިލްތަކަށް ވުރެ ބޮޑަށް މާލެ ސިޓީ ކައުންސިލަށް ކުރިމަތިވާ ކަމަށެވެ.

"މާލެ ސިޓީ ވީމާ މިކަން ކުރެވޭނީ އެކަށީގެންވާ ޖާގައެއް އޮވެގެން.އަދި ހަފްތާ ބަންދަކާ ދިމާވާ ގޮތަށް ވެސް ހެދުން މުހިންމުވާތީ. މިދެކަންތައް ފުރިހަމަ ވާ ދުވަހަކަށް މިދިމާވަނީ މާރޗް މަހުގެ 2 ވަނަ ދުވަސް." މޭޔަރ ވިދާޅުވިއެވެ.

މޭޔަރ އިތުރަށް ވިދާޅުވީ ފެބްރުއަރީ މަހުގައި ބާއްވަންޖެހޭ ބައްދަލުވުން ނުބޭވި ލަސްވުމުން މާރޗް މަހުގައި އެ ބައްދަލުވުން ބާއްވާނެކަން ލޯކަލް ގަވާރމެންޓް އޮތޯރިޓީއަށް ރަސްމީކޮށް އަންގާފައި ވާނެ ކަމަށެވެ.

މި އަހަރު މާލެ ސިޓީ ކައުންސިލުން ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައެވެ.

ހަތަރުވަނަ ދައުރުގެ މާލެ ސިޓީ ކައުންސިލުން ވަނީ ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާފައެވެ. އަދި އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށްގޮސްފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އަދި ކައުންސިލަރުންނާއި ޚިއްސާ ކުރުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ. މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައިވެސް ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު