މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވަން އެ ޕާޓީން ތައްޔާރުވެފައި ވަނިކޮށް، އެކަން ހުއްޓުވައިދިނުން އެދި ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަ ކޯޓަށް ވެއްދީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. އަދި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދެވެ. މި ދެބޭފުޅުންނަކީ ވެސް މިހާރު ރައީސް ނަޝީދުގެ ފަހަތުޕުޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އެމްޑީޕީން 39،000 މެންބަރުން ވަކިކުރީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި އެކަންކުރަން ވަކި ގޮތްތަކެއް ބުނެފައި އޮއްވާ އެއާއި ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ޕްރައިމަރީއަކީ ޕާޓީން ވަކިކުރި މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބެއް ކަމަށާއި އެއާއިއެކު އެއީ ސައްހަ އިންތިހާބެއް ނޫންކަމަށް ކަނޑައަޅައި، ވަކިކުރި މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.

އަދި އެ މައްސަލައިގައި ކޯޓުން ގޮތެއް ނިމެންދެން، އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް އެރުވުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.

މި މައްސަލަ ކޯޓަށް ވައްދާފައި މިވަނީ، ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުމަށް މާދަމާރޭ ބޮޑު ޖަލްސާއެއް ބާއްވަން އެމްޑީޕީން ތައްޔާރުވަމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު