ތިލަފުށީގެ ސިނާއީ ސަރަހައްދުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ އުސޫލު ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް އިސްލާހުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ބިން ވިއްކާ އުސޫލާ ގުޅިގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިންނާއި ވިޔަފާރިވެރިންތަކެއް ރައީސް ސޯލިހާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ބައްދަލުވުމާއި ގުޅިގެން މަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ބިންވިއްކުމާއި ކުއްޔަށް ދިނުމަށް އެޗްޑީސީން ހަމަޖައްސާފައިވާ އުސޫލާ ބެހޭގޮތުން މަޝްވަރާކުރައްވައި ދިވެހިންގެ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް އިސްލާހު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ މިކަމުގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ރައީސާ ހިއްސާކުރައްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ތިލަފުށިން 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން އާއްމުކޮށް އިއުލާނުކުރީ މިމަހުގެ 7 ވަނަ ދުވަހު އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރުމަށް ނިންމަފައިވާ ކަމަށް އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވެެެއެވެ.



ކިޔުންތެރިންގެ ހިޔާލު