އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ޤާއިމުކުރުމަށް، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ލިމިޓެޑް، އެމްޑަބްލިޔުއެސްސީއާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސްއާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޢައިޝަތު ޝައުނާ އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއުޗީ މިޑޮރީއެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މިޔާގީ ޓައިޔޯ އެވެ. އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާރމަން ޑޮކްޓަރ އިބްރާހިމް ނާޝިދެވެ.

އެމްޑަބްލިއުއެސްސީން މައުލޫމާތު ދިން ގޮތުގައި، މިފަހުމުނާމާގެ ދަށުން ގުޅީފަޅުގައި އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫއެއް ހިންގުމަށް މަގުފަހިވެގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން، ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި އަދި 1,450 ކިލޯވޯޓް ޕަރ އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލުކުރުން ހިމެނެއެވެ.

އިޢާދަކުރުވަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ މިމަޝްރޫޢަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަނާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސް އިން ފަންޑް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު