ސީރިއާއާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގައި ބޮޑު ކެމްޕޭނެއް ފަށަން ނިއްމައިފިއެވެ.

އެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ ކެމްޕޭންގައި މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. މިކެމްޕޭނަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިސްނަގައިގެން ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް "އެއް އުންމަތެކޭ މީ" ނަމުގައި ފެށި ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.



އޭނާ ވިދާޅުވީ ރާއްޖޭގެ އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތަކުން ކުރިޔަށް ގެންދާ މި ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީވީ/ރޭޑިއޯ ފޯރަމްތައް ބޭއްވުމާއި، ހުކުރު ހުތުބާގައި އެކަމަށް އަލިއަޅުވާލުން ހިމެނޭ ކަމަށެވެ.

ޝަހީމް ވަނީ ދިވެހި ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާތަކުންނާއި މަދަނީ އަދި ދީނީ ހިދުމަތުގެ ޖަމިއްޔާތަކުން، ރަށްރަށުގެ ޖަމިއްޔާތަކުން ވެސް އެ ކަމުގައި އިސް ނަގައިގެން ހަރަކާތްތެރިވާން ގޮވާލައްވާފައެވެ.

މީގެ އިތުރުން މި ކެމްޕޭންގެ ދަށުން މާލޭގައި މީހުން ގިނަ ސަރަހައްދުތަކުގައި ފަންޑުފޮށިި ބެހެއްޓުމާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ވީޑިއޯ އަދި ފޯސްޓަރު ފަދަ ތަކެތީގެ ޒަރިއްޔާއިން މީހުން ހޭލުންތެރިކުރުވުމަށް ވެސް ވަނީ ނިންމާފައެވެ.

ތުރުކީ- ސީރިޔާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 41،000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތުރުކީން މަރުވި 35،418 މީހުންނާއި އަދި ސީރިޔާ އިން މަރުވި 5،800 މީހުންނެވެ. ބިންހެލުމާއި ގުޅިގެން ވެއްޓި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ވެސް ކުރަމުންދާއިރު މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެގެން ހިގައިދާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ބިންހެލުމާ ގުޅިގެން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު ތުރުކީ އާއި ސީރިއާއިން ޖުމްލަ 900،000 މީހުން ކާތަކެއްޗަށް ޖެހިފައިވާ ކަމަށް އ.ދ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު