ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް ބާއްވާ ޖަލްސާ މާދަމާރޭ އޮންނާނެކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި، ދަރުބާރުގޭގައިކަމަށެވެ.

މިޖަލްސާގައި 86 ބޭފުޅަކަށް އިނާމު ދެއްވާނެކަމަށާއި އިނާމުގެ ގޮތުގައި އެބޭފުޅުންނަށް ދެއްވާ ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު 113 ބޭފުޅަކު ނަން ހުށަހަޅުއްވައިފައިވެއެވެ. އިނާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން 2021 ވަނައަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.



ކިޔުންތެރިންގެ ހިޔާލު