އަދާލަތުގެ ވެރިން މަގާމަށްޓަކައި ދީންވެސް ގުރުބާން ކުރީތޯ ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އާދަލަތު ޕާޓީގެ ބޭފުޅުންނަށް ޖަމީލު ފާޑު ވިދާޅުވީ ރާއްޖޭގައި ހިންގާކަމަށްބުނާ ހަށިވިއްކާ ތަންތަން ނުހުއްޓުވެނީ ކީއްވެގެންތޯ އިއްޔެ މަޖިލިސް މެމްބަރަކު ސުވާލު ކުރެއްވުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެ ސުވާލަށް ޖަވާބެއް ނުދެއްވުމުންނެވެ.

އެކަމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ހިތާމައިގެ ކޮޅެއްވެސް ނެތްކަމަށެވެ. އަދި މިކަންކަން ހުއްޓުވަންޖެހޭ ފަދަ މަގާމުތަކުގައި ދީނީ ބޭފުޅުން ތިއްބަވައިގެން މިހާހިސާބަށް މިކަން ދިއުމުން ޖަމީލު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޖަމީލް ވަނީ އަދާލަތު ޕާޓީގެ ވެރިން މިއަދު މަގާމަށްޓަކައި ދީންވެސް ގުރުބާން ކުރީތޯ ވިދާޅުވެ ސުވާލުވެސް އުފައްދަވާފައެވެ.

"ހިތާމައިގެ ކޮޅެއްވެސް ނެތް. ގަބޫލްކުރަންޖެހޭ ޙަގީގަތަކީ އިޖްތިމާޢީ މިފަދަ ބޮޑު ކުށްތައް ހުއްޓުވަން ހުންގާނުގައި ދީނީ ދެބޭފުޅުން ތިބެ މިފެންވަރަށް މިތަން ވެއްޓުނުކަން. ސުވާލަކީ އަދާލަތުގެ ވެރިން މިއަދު މަގާމަށްޓަކައި ދީންވެސް ގުރުބާން ކުރީތޯއެވެ؟" ޖަމީލު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ރާއްޖޭގައި ހަށިވިއްކާ ތަންތަން އޮޕަރޭޓް ކުރަމުންދާއިރު އެކަންކަން ނުހުއްޓުވިގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ހަށިވިއްކުމާ ގުޅޭގޮތުން ކުރި ސުވާލަށް މިނިސްޓަރު ޖަވާބެއް ނުދެއްވައެވެ. ނިޒާމީ ނުކުތާއެއް ނަންގަވައި އޭނާގެ ސުވާލަށް ޖަވާބު ލިބިވަޑައިނުގަންނަވާކަން ނައިފަރު ދާއިރާގެ މެންބަރު ފާހަގަކުރެއްވުމުންވެސް މިނިސްޓަރ ޖަވާބެއް ނުދެއްވައެވެ.

މާލޭގައި ހަށިވިއްކާ ތަންތަން އިތުރުވާކަމުގެ ޝަކުވާ ގިނަވަމުންދާއިރު މީގެކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އަދާލަތު ޕާޓީއަކީ އެކަންކަމާއި ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުލި އެއް ޕާޓީއެވެ. ނަމަވެސް މިއަދު އެ ޕާޓީން އެފަދަ ކަންކަމުގައި ބަހެއް ބުނާތަނެއް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު