ވަކި ބައެއްގެ މައްސަލަ ހުށަހެޅުމުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އުވާލި ސަރުކާރެއް މި ނޫނީ ތާރީހުން ފެންނާން ނެތްކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ސަރުކާރު އޮފީސްތައް ހިންގުމަށް މާލެއިން ބޮޑު އަގުގައި އިމާރާތްތައް ކުއްޔަށް ނަގަމުންދާތީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.

އަލީ ހުސައިންގެ ވާހަކައިގައި ވަނީ މި ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅުއްވާކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ކޮރަޕްޝަނަށް ހިއްވަރު ލިބޭގޮތަށްވެސް ސަރުކާރު އަމަލުތައް ހުންނަކަމަށް އަލީ ހުސައިން ތުހުމަތު ކުރެއްވިއެވެ.

"ތާރީހުން ނުފެންނަ ވަރުގެ މަންޒަރުތަކެއް މި 4 އަހަރު ތެރޭގައި ސަރުކާރުން ފެނިއްޖެ. އެއީ އޭސީސީއަށް ވަކި މީހަކާއި ދެކޮޅަށް ވަކި ބަޔަކާއި ދެކޮޅަށް 80 ވަރަކަށް މައްސަލަ ހުށަހެޅުނީމަ އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލީ. އަޅުގަނޑުމެން ދުވަހަކުވެސް ނުދެކެން އޭސީސީއަށް މައްސަލަތައް ހުށަހެޅުނީމަ އެ މައްސަލަތައް ޓީވީ ތަކަށް އަރާ ދިފާއުކޮށްފައި ވާހަކަ ދައްކާ މަންޒަރެއް މި ސަރުކާރުގައި ނޫނިއްޔާ." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ކުރިން އޮތް އޭސީސީ އުވާލުމަށްފަހު އައު ކޮމިޝަނެއް އައްޔަންކޮށްގެން ކުރެވުނު މަސައްކަތެއް ނެތްކަމަށެވެ. އަދި އޭސީސީގެ ބަދަލުގައި ފުލުހުންގެ އިދާރާ މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއިމެދު ވިސްނަންވެއްޖެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު