ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭނެއް އެބައޮތްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޢުމަރު ޒާހިރު އޮފީސް ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހު ވިދާޅުވީ މި އޮފީސް އިމާރާތް ހުޅުވިގެން މިދަނީ، މިފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްވަރެއްގައިކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތުގެ ދަތިކަން މިހާރު މިއޮތީ ވަރަށް ބޮޑުވެފައިކަމަށާއި މީގެ ކުރިން ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އައި ދެ އިމާރާތުގެ ތެރެއިން ހުރަވީ ބިލްޑިންގ ބައުވެ، ބޭނުންނުކުރެވޭވަރު ވުމުން، މިހާރުވާނީ ތަޅާލައިފައިކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ޣާޒީ ބިލްޑިންގ ވެސް އެހުރީ ވަރަށް ބޮޑަށް ބައުވެ، ބޭނުންނުކުރެވޭވަރު ވެފައި. އެކަމުގެ ސަބަބުން، ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރުވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައި. އެކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަން މިއަދު ވަނީ ޖެހިފައި. ސަރުކާރުގެ އޮފީސް އިމާރާތެއް، އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު. އޭގެފަހުން، ސަރުކާރުގެ ޚިދުމަތްތައް ފުޅާވެ، ކުރަންޖެހޭ މަސައްކަތްތައް ގިނަވެގެންދިޔައިރުވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރުވެސް ހޯދިފައެއް ނެތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހިފައި އޮތް ހޭދަ ވަނީ އިންތިހާއަށް ބޮޑުވެފައިކަމަށެވެ. އަދި މިހާރުވެސް އެކަމަށް ކުރަންޖެހޭ ޚަރަދު ދަނީ ބޮޑުވަމުންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ، އަދިވެސް އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް ބޭނުންވާކަން. އަޅުގަނޑުމެންގެ ޕްލޭންގައި އިރާދަކުރެއްވިއްޔާ އަދިވެސް އެބައޮތް، ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން" ރައީސް ވިދާޅުވިއެވެ.

މިއަދު ހުޅުވި އިމާރާތުގައި ސަރުކާރުގެ ބޮޑު ތިން މިނިސްޓްރީއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއެވެ.

މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު، ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ ފަދަ މާޙައުލަކާ އެކު ބިނާކޮށްފައިވާ އިމާރާތެކެވެ. ކޮންމެ ފްލޯރއެއްގައި ހިންގާނީ އެންމެ މިނިސްޓްރީއެކެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކޮށްފައިވާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންގއަށް ބޭނުންކުރުމަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

މި އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓުގެ ޖާގަ ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ސަރުކާރުން 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.



ކިޔުންތެރިންގެ ހިޔާލު