މިދިޔަމަހު ކަނޑުމައްޗަށް ގެއްލުނުކަމަށް ބުނާ ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

މި މައްސަލަ ފެށިގެން އައީ މިދިޔަ ޑިސެމްބަރުމަހު ލިޓަންއާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނުކަމަށް ބުނާ ހިސާބުންނެވެ.

ލިޓަންއާއި ނިޒާމްގެ ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެމީހުން ހޯދަމުންދަނިކޮށް ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. އެ މީހުން ހޯދަމުންދަނިކޮށް ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ޖެނުއަރީ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުމަތިން ވަނީ ފެނިފައެވެ.

އަދި ޖެނުއަރީމަހުގެ 3 ވަނަ ދުވަހު ގެއްލުނުކަމަށް ބުނާ ނިޒާމް ވަނީ މާލެއިން ފެނިގެން ހައްޔަރުކޮށްފައެވެ.

ފުލުހުން ނިޒާމް ހައްޔަރުކުރީ ލިޓަންގެ މަރުގެ ތުހުމަތުގައިކަމަށްވާއިރު، އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާއަށް ކުރާނެ ދައުވާތަކާއިމެދު ޕީޖީން އަދި ގޮތެއް ނުނިންމައެވެ.

ނިޒާމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު ކަނޑުމަތިން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ފުލުހުން ވަނީ ވަޅުލާފައެވެ. ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑުކަމެއް ކަށަވަރުކޮށެއް ނުދެއެވެ.



ކިޔުންތެރިންގެ ހިޔާލު