މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނިގެން އެ ކުންފުނިން އެމްޓީސީސީއާއި ހަވާލުކުރި ތާރު އެޅުމުގެ މަސައްކަތް މިރޭ ރަސްމީކޮށް ފަށައިފިއެވެ.

އަމީނީ މަގުގައި ތާރުއަޅަން ފަށާ ސަރަހައްދުގައި މިރޭ ވަނީ އެކަމަށްޓަކައި ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީ އަދި އާރްޑީސީގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތާއި ގުޅޭގޮތުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރު ވިދާޅުވީ، އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތް މިރޭ ނިމޭނެ ކަމަށެވެ. އެއާއިއެކު އަމީނީ މަގުގެ އިރުމަތީ ކޮޅުން ފެށިގެން ސްޓެލްކޯއާ ހިސާބަށް މިރޭ ތާރުއަޅާ ނިމޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިއަށް ފުރުގާން މިސްކިތާ ހަމައަށް ތާރުއަޅާ ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 84 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަސައްކަތް ރަނގަޅު ދުވެލީގައި ކުރިއަށް ނުދާ ކަމަށްބުނެ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު