މޯލްޑޯވާގެ ރައީސް މާއިޔާ ސަންދޫ ތުހުމަތުކުރައްވާފައިވާ ގޮތުގައި ރަޝިޔާއިން ވަނީ ބޭރުގެ ބަޔަކު ބޭނުންކޮށްގެން އެކަމަނާގެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ތާއީދުކުރާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކޮށްފައެވެ.

ރައީސް ސަންދޫ ވިދާޅުވި ގޮތުގައި ގެންނަން އުޅުނު ބަޣާވާތަށް މަގުފަހިކުރުމަށްޓަކައި ގައުމުގެ ދުސްތޫރި ނިޒާމު މުގުރާލާވަރުގެ މުޒާހަރާތަކެއް އިދިކޮޅު ފަރާތްތަކުން ކުރުމަށް ރޭވިފައި އޮތެވެ.

އަވައްޓެރި ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޔޫރަޕްގެ އެންމެ ފަގީރު އެއް ގައުމު ކަމަށްވާ މޮލްޑޯވާއަށް ވަނީ ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައެވެ.

ރަޝިޔާއިން މޯލްޑޯވާ ހަލާކުކޮށްލުމަށްޓަކައި ރާވާފައިވާ ޕްލޭނެއް ޔޫކްރެއިންގެ ޖާސޫސީ އިދާރާއަށް ހާމަވެފައިވާކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޯޑިމިރް ޒެލެންސްކީ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހާމަކުރައްވާފައެވެ.

ރޫމޭނިޔާއާއި ޔޫކްރެއިންއާ ދެމެދުގައި އޮންނަ މޯލްޑޯވާއަށް މިދިޔަ އަހަރުގެ ޖޫން މަހުގައި ވަނީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމަކަށްވުމަށްޓަކައި ކެންޑިޑޭޓް ގައުމެއްގެ ދަރަޖަ ލިބިފައެވެ. ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ގިނަ އަދަދެއްގެ ރެފިއުޖީން އައުމާއި، ރަޝިޔާގެ 1،500 އެއްހާ ސިފައިން ތިބި، އެގައުމުގެ ވަކިވެގަނެގެން އުޅޭ، ރަޝިޔާއަށް ތާއިދުކުރާ ޓްރާންސްނިސްޓްރިއާ ސަރަހައްދުގެ ކަންތައްތަކާހުރެ 2.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މޯލްޑޯވާ އޮތީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ.

މޯލްޑޯވާއަކީ ކުރީގެ ރޫސީވިލާތް ނުވަތަ ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. އެގައުމަށް ބޭނުންވާ ގުދުރަތީ ގޭސް ހޯދުމަށް ބަރޯސާވެފައިވަނީ ރަޝިޔާގެ މައްޗަށެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ތަފާތު އެކި ފަހަރުމަތީން އެގައުމުން ކަރަންޓު ކެނޑިފައިވާއިރު މިކަން ދިމާވެފައިވަނީ ޔޫކްރެއިންގެ ހަކަތަ އުފައްދާ ތަންތަނަށް ރަޝިޔާއިން ހަމަލާދިންފަހުންނެވެ.

ރައީސް ސަންދޫ ތުހުމަތު ކުރެއްވި ގޮތުގައި ރަޝިޔާއިން ރާވާފައި އޮތީ އަސްކަރީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭރު ބަޔަކު ލައްވައި އެ ގައުމުގެ އެކިއެކި މުއައްސަސާތަކަށް ހަމަލާދީ މީހުން ރަހީނުކޮށް އަނިޔާވެރި އަމަލުތަކެއް ހިންގުމަށެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ މޯލްޑޯވާއަށް ބަޣާވާތް ގެންނަން ބޭރުން އެތެރެކުރަން އުޅުނު މީހުންގެ ތެރޭގައި ރަޝިޔާ، މޮންޓެނީގްރޯ، ބެލަރޫސް އަދި ސަރބިޔާގެ ރައްޔިތުން ހިމެނޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ގައުމުގެ ސަލަމާތަށް ނުރައްކާވާފަދަ ކަންކަމާއި ދެކޮޅަށް ހަނގުރާމަކޮށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްޓަކައި މޯލްޑޯވާގެ ސަލާމަތީ އަދި ޖާސޫސީ ޚިދުމަތުގެ އިދާރާއަށާއި ޕްރޮސެކިއުޓަރުންނަށް ބޭނުންވާ ބާރުތަކާއި ފަސޭހަތައް ދިނުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް އެ ގައުމުގެ ބަރުލަމާނުގެ ކިބައިން ރައީސް ސަންދޫ އެދިވަޑައިގެންނެވިއެވެ.

މޯލްޑޯވާގެ ސޯޝަލިސްޓުންނާއި ކޮމިއުނިސްޓުން ހިމެނޭ އިދިކޮޅު މައި ކޯލިޝަންއަކީ ރަޝިޔާއާ ވަރަށް ބޮޑަށް ގުޅުން އޮންނަ ބައެކެވެ. އަދި ރައީސް ސަންދޫގެ ކުރިން 2016 އިން 2020 އަށް ރައީސްކަން ކުރެއްވި އިގޯރް ދޯދޮން ވެސް ވަނީ ރަޝިޔާއާ ގާތްގުޅުމެއް ބާއްވަވާފައެވެ.

އެކަމަކު 1991 ވަނަ އަހަރު ރޫސީވިލާތް ރޫޅުނުފަހުން މޯލްޑޯވާއިން ގެންދިޔައީ އެގައުމާއި ޖެހިގެން އޮންނަ އީޔޫގެ މެންބަރު ގައުމެއްކަމަށްވާ ރޫމޭނިއާއާ ގާތްގުޅުމެއް ބާއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު