މަސްތުވާތަކެތި އެތެރެކުރަން ސަރުކާރުން ހުއްދަ ދިންކަމަށް ބުނެ ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެއްވެސް ސަރުކާރަކުން މަސްތުވާތަކެތި އެތެރެކުރަން ހުއްދަ ނުދޭނެކަމަށް އެމްޑީޕގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ބޭރު ގައުމަކުން ރާއްޖެއަށް ވައިގެމަގުން އަންނަ ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެނަމަ އެ މީހަކު ރާއްޖެއިން ފޮނުވާލުމުގެ އިޚްތިޔާރު ލިބޭ ޤަވާއިދާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ މި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ސަރުކާރަށް އަމާޒުކުރި ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކުރީ ސަރުކާރަކުންވެސް، މި ސަރުކާރުންވެސް، އަދި އެއްވެސް ސަރުކާރަކުން މި ރާއްޖެއަށް ޑްރަގް އެތެރެކުރާކަށް ހުއްދައެއް ނުކުރާނެކަމަށެވެ.

އަސްލަމް ވިދާޅުވީ މިއީ ވަރަށް ރަނގަޅަށް ދިރާސާކޮށްގެން ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް މިކަން ކުރާ ގޮތް ބަލައިގެން އަދި ގައުމުތަކުގެ އިދާރާތަކާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކެއްކަމަށެވެ.

"ސަރުކާރެއް ހިންގަން ތިއްބަވާ އިރު އެކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާނީ. ދުރުން ބަލަން ތިބެފައި ކަމުގެ ހަގީގަތް ނުބަލައި ވާހަކަ ދައްކަންޏާ މަގުމަތީގައި އަޅާ ތާރުގަނޑެއްވެސް ނުފެންނާނެ" އަސްލަމް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނަށް އަދަބު ނުދީ، ދޫކޮށްލުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކުރާކަމެއްކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް އެއްވެސް ގަވާއިދެއް ނުހެދޭނެކަމަށެވެ. އަދި ކޮންމެ ވެރިޔަކު އަމުރުކުރިނަމަވެސް ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކުރާ އަމުރަކަށްވެސް ތަބާވާން ނުޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.

"މި މައްސަލައިގެ ބޮޑުކަން އެބަ އެނގޭ ވަރަށް ސާފުކޮށް. ކޮންމެވެސް ދިމާލަކުން ކޮންމެސް ބަޔަކު ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައިގެންކަން. މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަންޖެހޭ މައްސަލައެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ގާނޫނުއަސާސީގެ ތެރެއިންކަމަށެވެ. އަދި ގާނޫނުއަސާސީއާ ހިލާފަށް އެކުލަވާލާ ގަވާއިދެއް ވާނީ ބާތިލް އެއްޗަކަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގެޒެޓުކޮށްފައިވާ އިމިގްރޭޝަންގެ އެ ގަވާއިދުގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

އިމިގްރޭޝަނުން ގެޒެޓްކުރި ޤަވާއިދުގައި ބުނެފައިވަނީ، ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ. އެ ޤަވާއިދުގެ ދަށުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިމީހަކު މިމަހުގެ 7ވަނަ ދުވަހު ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

އެގޮތުން ކަސްޓަމްސުން ވަނީ، މިމަހުގެ 7 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ އުމުރުން 23 އަހަރުގެ އަންހެނެއްގެ އަތުން 2.6 ކިލޯގެ ކޮކެއިން އަތުލައިގަތުމަށްފަހު، އެމީހާ ހައްޔަރުނުކޮށް އަނބުރާ ފޮނުވާލާފައެވެ. އެމީހާ އަނބުރާ ފޮނުވާލާފައިވަނީ، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު