މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ޢަމަލުތައް ހިންގުން ކުރިއަށްވުރެ މަދުވެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުންކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުޢިއްޒު މިފަދައިން ވިދާޅުވީ މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަތައް މަދުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އިއްޔެ މަޖިލީހުަގައި ވިދާޅުވުމާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓަރުގެ ވާހަކައާއި ގުޅިގެން މީޑިއާތަކަށް ހިއްސާ ކުރެއްވި މެސެޖެއްގައި މޭޔަރު މުޢިއްޒު ވިދާޅުވީ މިސްކިތްތަކުގައި ހިނގާ އެފަދަ މައްސަލަތައް މަދުކުރެވިފައިވަނީ މާލެ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބަލަހައްޓަމުންދާތީ ކަމަށެވެ.

މިފަދަ މައްސަލަތައް މަދުވެފައިވަނީ ސިޓީ ކައުންސިލުން ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް 24 ގަޑިއިރު މޮނީޓަރ ކުރާތީކަމަށާއި މީގެ އިތުރުން އެފަދަ މައްސަލައެއްގެ ރިޕޯޓެއް ލިބިއްޖެނަމަ، މާލެ ސިޓީ ކައުންސިލްގެ ޕޮލިސް ކޮންސްޓްބިއުލަރީގެ ފަރާތުން ވަގުތުން ފިޔަވަޅު އަޅާ އެފަދަ މައްސަލަތައް ހައްލުކުރަމުންދާކަންވެސް މޭޔަރު މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަޙައްދުތަކުގެ މަންޒަރުތައް ވަގުތުން ބެލޭނެ ފަދައިން މުޅި މާލެސިޓީ ސީސީޓީވީ ކެމެރާތަކަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިސްކިތް ތަކާއި،ޕާކު ތަކުގައި ކެމެރާ ހަރުކޮށް އެތަންތަން ބެލެހެއްޓުމަށް ޤާއިމްކުރި މޮނިޓަރިންގް ނިޒާމް އިފްތިތާޙްކުރީ މިދިޔަ އަހަރުއެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ފަށާފައިވާ ސީސީޓީވީ ހަރުކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކައުންސިލުން ވަނީ މާލޭގެ ދެކުނު ބަނދަރުގައި، މެރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން ސްޓެލްކޯ ޕަމްޕް ސްޓޭޝަންތަކާއި ހަމަޔަށް 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އަދި އެ ކެމެރާތައް މެދުވެރިކޮށް އެ ސަރަޙައްދުގެ ސެކިއުރިޓީ ކަންކަން 24 ގަޑިއިރު ސިޓީ ކައުންސިލުން ދަނީ ބަލަހައްޓަމުންނެވެ.

ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން މާލޭގެ މިސްކިތްތައް ބެލެހެއްޓުމަކީ، ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރިއަށްއޮތް ފަސް އަހަރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެއް އަމާޒެވެ.



ކިޔުންތެރިންގެ ހިޔާލު