ޓޫރިޒަމް ޓްރެއިނިންގ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ލ. ބޮޑުފިނޮޅުގެ މައްސަލައިގައި މަޝްވަރާއިން ހައްލެއް ލިބިފައިނުވާކަމަށާއި ދެން ޖެހޭނީ ބަދަލު ދީފައި އެރަށް ސަރުކާރަށް ނަގަންކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މީގެ 15 އަހަރުކުރިން ޓޫރިޒަމް ޓްރެއިނިންގ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ލ. ބޮޑުފިނޮޅު ދޫކުރީ މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏަށެވެ.

މި ރަށަށް އެ ކުންފުނިން 2.5 މިލިއަން ޑޮލަރު ދައްކާފައިވީނަމަވެސް މިހާތަނަށް އައިއިރުވެސް އެ ރަށުގައި އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެއެވެ.

ލ. ބޮޑުފިނޮޅުގައި ރިސޯޓް ތަރައްގީނުކުރެވޭ މައްސަލައިގައި ލ. އަތޮޅު މީހުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވަނީ މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއާ ސުވާލުކުރައްވާފައެވެ.



މައުސޫމް ވިދާޅުވީ ރަށުގެ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލް ކުރުމަށް ނިންމައި، އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އަދި ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި އަލިމަގެއް ނުފެންނަ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި ތާށިވެފައި މި އޮތީ."ކުރިއަކަށް ނުކަނޑާ މިހާރު، ދެން އޮތީ އަޅުގަނޑުމެން އެކަން ވަކިކުރާނީތޯ، އެ ކުންފުނިން ދައުލަތަށް ދައްކާފައިވާ 2.7 މިލިއަން ޑޮލަރު، އޭގެ ބަދަލާ، ބަދަލުތައް ދޭނެ ގޮތެއް އަޅުގަނޑުމެން ވިސްނަން ޖެހެނީ،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލެއް ދީފައިވެސް އެ ރަށް އަތުލަން ޖެހޭ ހާލަތަށް މިހާރު ގޮސްފައިވާ ކަމަށެވެ.

މައުސޫމް ވިދާޅުވީ ބޮޑުފިނޮޅުގައި ސަރުކާރުން މަޝްރޫއުއެއް ހިންގަން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމެއްވެސް ހުށަހަޅާފައިވާ ކަމަށެވެ.

4.6 ހެކްޓަރުގެ ބޮޑުފިނޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު ޕްރެމިއާ އެކްޓިވިޓީ ކުންފުންޏާހަވާލު ކޮށްފައިވަނީ 25 އަހަރުގެ މުއްދަތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު