ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަށް ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭކަމަށާއި، އެކަމަށް ތާއީދުކުރައްވާކަމަށްވެސް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކާއި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި އެތައް މަސައްކަތެއް ރައީސް ސާލިހު އެބަކުރައްވާކަމަށެވެ. އަދި ސަރުކާރުން މި ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް އޮތުމަކީ އެދޭކަމެއްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"ވަރަށް އިތުބާރުކުރަން ރައީސަށް. ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކުރައްވާނީ ގައުމުކަމާއި ރައްޔިތުން ބޭނުންވާ ކަންތައްތައް ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މި ސަރުކާރު އިންތިހާބު ކުރަންވީ ފަސް އަހަރަކަށް ނޫންކަމަށާއި މި ކޯލިޝަން އެކުގައި މަސައްކަތްކޮށް ގައުމު ކުރިއަށް ގެންދަން އެބަޖެހޭ ކަމަށެވެ. އަދި ދެ ވަނަ ދައުރެއްގައި އަދި މާ ގިނަ ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މި ވޭތުވެދިޔަ ތަނުގައި ހިނގި ކަންތައްތަކާއެކު ރައީސުލްޖުމްހޫރިއްޔާއަށް އިތުރަށް މި ގައުމުގައި ހަމަޖެހުން ގާއިމްކޮށް ރައްޔިތުންނަށް އިތުރަށް ފަސޭހަކަމާއި އުފާވެރިކަމާ އެކު ދިރިއުޅެވޭނެ ވަސީލްތަތައް ގާއިމްކޮށްދޭން އިތުރު ދައުރެއް ލިބެންޖެހޭކަމަށެވެ.

"ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި އެ ވަގުތު އެބަ ދޭން ޖެހޭ. އަދި މި ވަގުތަކަށް ނެތޭ މި އަށް ވުރެ ރަނގަޅު ޗޮއިސްއެއް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް އޮތުމަކީ އަޅުގަނޑުމެންކުރަން ޖެހޭނެ ކަމެކޭ" ފައިސަލް ވިދާޅުވިއެވެ.

ރައީސް ސާލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އެމަނިކުފާނު ރަނިން މޭޓް އަދި ޔަގީނެއް ނޫނެވެ. ފައިސަލް ވިދާޅުވީ އެ ފުރުސަތު ލިބިވަޑައިގެންފިނަމަ އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު