ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ މުހައްމަދު ފައިސަލް ވިދާޅުވީ ،ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް ލިބޭނެގޮތަށް މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މުސާރަތައް ބޮޑުކޮށްފައިވަނީ ހެލްތު މިނިސްޓްރީ އާއި ސިއްހީ ދާއިރާގެ އެކި އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް ފައިޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީ ދާއިރާގައި މުސާރަ ބޮޑުކުރާ 55 ޕްރޮފެޝަން ހިމެނޭ ކަމަށެެވެެ. އެ ހުރިހާ ޕްރޮފެޝަނެއްގައި ދިވެހި މުވައްޒަފުން ނެތް ނަމަވެސް އެ ހުރިހާ ފްރޮފެޝަނަކަށް ވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް ފައިޒަލް ވިދާޅުވި އެވެ.

މީގެ އިތުރުން ފައިޒަލް ވިދާޅުވީ މުސާރަ ބޮޑުކުރުމުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިވެހިން ލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބި އެދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އުފެދޭނެ ކަމަށެވެ.

ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަން 500 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް މި އަހަރު ދައުލަތުން ވަނީ ބަޖެޓްކޮށްފައެެވެެ.



ކިޔުންތެރިންގެ ހިޔާލު