ނޮޅިވަރަމު ފުޓްބޯޅަ ދަނޑު ތަރައްގީކުރަން އެރަށަށް ގެންގޮސްފައިހުރި ޓާފްތަކުގައި އަނެއްކާވެސް ރޯކޮށްލައިފިއެވެ.

އެ ރަށުން މައުލޫމާތު ދިން ގޮތުގައި ރޯކޮށްލާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ރޯކޮށްލި ތަކެތީގެ ތެރޭގައިހިމެނޭ އޭރު ރޯނުވެ ހުރި ތަކެތީގައެވެ.



އެރަށުގެ ކައުންސިލްގެ ރައީސް ބައެއް މީޑިއާތަކަށް ވިދާޅުވީ، ޓާފްތަކުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 3:45 ހާއިރު ކަމަށާއި މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެ ރަށަށް ގެންގޮސްފައިހުރި ޓާފްތަކުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް ވަނީ ރޯކޮށްލާފައެވެ.

މިފަހަރު ވެސް ‏ކައުންސިލުން ތުހުމަތު ކުރަނީ ބަޔަކު އެތަކެތީގައި ރޯކޮށްލީ ކަމަށެވެ.

ޓާފްތަކުގައި ރޯކުރަނީ ކޮންބައެއްކަން މިހާތަނަށް ހޯދިފައިނުވާއިރު، ޔޫތު މިނިސްޓަރު މަހްލޫފް ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފަސް މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން ހަދަމުންގެންދާ ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ހަތަރު އަހަރުވަނީ ވެފައެވެ.​



ކިޔުންތެރިންގެ ހިޔާލު