ޑްރަގް ވިޔަފާރި ހުއްޓުވަން އެންމެ ބޮޑު އަދި އެންމެ ކާމިޔާބު މަސައްކަތެއްކުރި މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގޮތަށް ސަރުކާރުން އެކުލަވައިލައިފައިވާ ގަވާއިދުގައި މަސްތުވާތަކެއްޗާބެހޭ ގާނޫނާ ފުށުއަރާ ގޮތަށް ހުރި މާއްދާތައް އުވާލަން ގޮވާލައްވައި، ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މިހާރު އޮތް ގަވާއިދުގެ ސަބަބުން އެއްވެސް ބިރެއްނެތި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅުވައި ޝަރީފް މިއަދު ވިދާޅުވީ، އެންމެ ގިނަ ޑްރަގްސް އަތުލައިގަނެ. ނައްތާލާފައިވަނީ މި ވެރިކަމުގައި ކަމަށާއި ޑްރަގާއި ދެކޮޅަށް މި ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މަގުމަތީ "ޖެހެންޖެހެމުން" ދިޔަ ޒުވާނުން، ކުރިން ފެންނަވަރާ ގާތަށްވެސް މިހާރު ނުފެންނަކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"މިއަދު މަޖިލިސް ތެރެއިން ފެނިގެން ދިޔައީ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތެއް ނޫން. އަދި ސިސްޓަމް ތެރޭ ހުރި ކަންތައްތަކެއް ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތެއް ނޫން. އެއީ ސަރުކާރު ބަދުނާމު ކުރުމަށާއި ޒާތީ ހަސަދަ ފިލުވުމަށް ހިންގި ހަރަކާތެއް." ޝަރީފް ވިދާޅުވިއެވެ.



ޝަރީފް އިތުރަށް ވިދާޅުވީ، ޑްރަގްގެ ވަބާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އޮތްކަމާއި އެކަން ހައްލު ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެންމެންވެސް ގަބޫލު ކުރާކަމަށެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ކުރަނީ އެއްގޮތަކަށް ވެސް ކަމެއް އިސްލާހު ކުރުމުގެ ނިޔަތުގައި ކުރާ މަސައްކަތެއް ނޫންކަން ހިތާމަޔާއިއެކު ފާހަގަ ކުރާކަމަށެވެ.

ސަރުކާރުން މިހާރު ގެންދަނީ، ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުން ހިފެހެއްޓުމަށްފަހު އެމީހެއްގެ ގައުމަށް ފޮނުވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު