އުވާލަން ނޯޓިސް ދީފައި އޮތް ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) މަގާމުތަކުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އިސްތިއުފާދެއްވައިފިއެވެ.

ޑީއާރުޕީގެ މަގާމުތަކުން ޖާބިރު އިސްތިއުފާދެއްވިކަން ޔަގީންކޮށްދެއްވީ އިލެކްޝަންސް ކޮމިޝަނުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ދިވެހިރައްޔިތުންގެ ޕާޓީ ( ޑީ.އާރު.ޕީ) ގެ ވަގުތީ ލީޑަރު ކަމުންނާއި، އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.



ޑީއާރުޕީ ލީޑަރުކަމުން ޖާބިރު އިސްތިއުފާދެއްވާފައިވާއިރު ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަމާއި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ސިޔާސީ ޕާޓީގެ ޤާނޫނުގައި ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމުގެ މަސައްކަތް ކުރަމުން އަންނާތީ އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގާފައެވެ.

ޑީއާރުޕީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީ އުވާލަން ނިންމުމާއި ގުޅިގެން ކޯޓަށް އެ މައްސަލަ ހުށަހަޅަން ނިންމާފައިވާކަމަށެވެ. އަދި ކޯޓުން މި މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ ޖޭ.ޑީ.ޕީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެ ޕާޓީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު