ތުރުކީ އަދި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވާން ހުޅުވި ފަންޑަށް 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން މިއަދު ބުނީ މި މަހުގެ ހަތްވަނަ ދުވަހު ހުޅުވި މި ފަންޑަށް އިއްޔެގެ ނިޔަލަށް 1،227،632.86ރ. ލިބިފައިވާ ކަމަށެވެ.



ދިވެހި ރެޑް ކްރެސެންޓުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ރެެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީ) އިން 200 މިލިއަން ސްވިސް ފްރެންކްސް (216.4 މިލިއަން ޑޮލަރު)ގެ އިމަޖެންސީ އެހީގެ އިލްތިމާސެއް ނެރެފައިވާ ކަމަށެވެ. އެ އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން މިއަދުން ފެށިގެން މި މަހުގެ 14އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ހުޅުވާލާފައިވާ ކަމަށް އެ ބަޔާނުގައި ދިވެހި ރެޑް ކްރެސެންޓުން ބުނެފައި ވެއެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާއަށް ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައެވެެ. ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ.

މި ބިންހެލުންތަކާއި ގުޅިގެން ތުރުކީ އާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 29000 ހާހަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރެއިން ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި ސީރިޔާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ގައުމުގެ ފަސް މިލިއަނެއްހާ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށް އދ. އިން ވަނީ ބުނެފައެވެ. އެގޮތުން މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކުން ސީރިޔާގެ 5.3 މިލިއަން މީހުން ގެދޮރު ނެތިފައިވާ ކަމަށް ލަފާ ކުރެވޭކަމަށް އދ. އިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު