ބުރާސްފަތި ދުވަހު ސިނަމާލެ ބްރިޖު ހައިވޭމަތީ ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއްވި މީހާއަށް އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ، އޭނާއަށް ކުރިން ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށާއި ނަމަވެސް، މިހާރު ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ. އެކަމަކު އޭނާގެ ހާލު އަދިވެސް ރަނގަޅު ނޫންކަމަށާއި ފަރުވާދެނީ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުންވަނީ ބުނެފައެވެ.

އޭނާ އެކްސިޑެންޓްވީ ހައިވޭއިން ހުޅުމާލެއާ ވީކޮޅުން ގޮސް އެއާޕޯޓަށް ވަންނަން ޔޫ-ޓާނެއް ނެގި ވަގުތު ކާރުލޭނުން ބާރު ސްޕީޑްގައި އައި ކާރެއްގައި ޖެހިގެންކަމަށް މަޢުލޫމާތު ލިބެއެވެ.

މަންޒަރުދުށް މީހަކު ބުނީ، ސައިކަލު ދުއްވި މީހާގެ ގައިގެ އެކިތަންތަނުން ލޭ އަންނަތަން ފެނުންކަމަށާއި ލައިގެންހުރި ގަމީސްވެސް އެކި ތަންތަނުން އިރައިގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ފަޔަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ވެސް މަންޒަރުދުށް މީހަކު ކިޔައިދިނެވެ.

އެކްސިޑެންޓްވި ކާރާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު