އިންޑިއާއިން ދިވެއްސަކު ހައްޔަރުކުރި މައްސަލަ ފޮރިން މިނިސްްޓްރީން ބަލަން ފަށާފައިވާކަމަށް އެމިނިސްޓްރީން ހާމަކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުން އިއްޔެ ހައްޔަރުކޮށްފައިވަނީ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ)އެވެ. އޭނާ ހައްޔަރުކުރި ސަބަބެއް ހާމަކޮށްފައިނުވާއިރު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާއިބެހޭ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބެންގަލޫރުގައި ހުރި ދިވެއްސަކު އިއްޔެ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، މިމައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ އާއިލާއާއެކު ހޮސްޕިޓަލުގައި ހުއްޓައެވެ.

"ރަސްއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޕީޕިއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން އައިސް ވޭނަކަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށެވެ. ހީނާ ވިދާޅުވީ ސަމަދުބެ ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އެހެން ނަަމަވެސް މިވަގުތު އޭނާ ހުރީ އިންޑިޔާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ސަމަދުބެ އިންޑިޔާގެ އިމިގްރޭޝަން ބެލުމުގެ ދަށައް ގެންދިޔަ ސަބަބު ސާފުވެފައިނުވާ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އެކަން ހާމަކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ސަމަދުބެ އިންޑިއާގެ އިމިގްރޭޝަން ބެލުމުގެ ދަށައް ގެނެސްފައިވާއިރު އޭނާއަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެއްކަން ފާހަގަކޮށްލެވެއެވެ. އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދިރިއުޅުއްވާ އަމީން އެވެނިއު ކައިރީ ކުރި ބައެއް މުޒާހަރާތަކުގައި ވެސް ސަމަދުބެ ވަނީ ހަރާކަތްތެރިވެފަވެއެވެ.



ކިޔުންތެރިންގެ ހިޔާލު