ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީގެ ގޮފިތަކުގެ އިންތިހާބު ބޭއްވުމަށް އަންގައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އިން 25 އަށެވެ.

ޖުމްހޫރީ ޕާޓީން ވަނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ހަދާފައިވާ ޕާޓީގެ ގޮފިތަކުގެ ތެރެއިން، މިހާތަނަށް އެތެރޭގެ އިންތިހާބު ނުބާއްވާ ގޮފިތަކުގެ އެތެރޭގެ އިންތިހާބު ޕާޓީގެ އިލެކްޝަންސް ކޮމިޓީގެ ލަފާގެ މަތިން ކުރިއަށް ގެންދިއުމަށް އަންގާފައެވެ.

ޖޭޕީން ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކަން ފުރިހަމަކުރުމަށް އަންގާފައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ޖުމްހޫރީ ޕާޓީން މިހާތަނަށް ގޮތެއް ނިންމާފައިނުވާއިރު، ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ޤައުމީ ޖަލްސާގައި އިންތިހާބުކުރާ ކައުންސިލުންނެވެ.

ޤައުމީ ޖަލްސާއަށް ވަނީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމަށް ރައީސަކު އައްޔަންކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހުކުރަން ހުށަހަޅާފައެވެ. ޖޭޕީގެ ރައީސްކަމުގައި މިހާރު ހުންނެވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ޖޭޕީގެ ގައުމީ ޖަލްސާގައި ބައިވެރިވާނީ އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިބި މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނެވެ.



ކިޔުންތެރިންގެ ހިޔާލު