އަހުމަދު މަސްނޫމް   12 ފެބްރުއަރީ 2023 - 11:19
އެސްޓީއޯއިން މިދިޔަމަހު 89000 އަށްވުރެ ގިނަ ބަސްތާ ކާޑު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 89909 ބަސްތާ ކާޑު ވަނީ ފޮނުވާފައެވެ.

ޖަނަވަރީމަހު ވިއްކާފައިވާ ކާޑުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު އޭގެތެރޭގައި ހިމެނެނީ ގޮނދަން ފުށް 33298 ބަސްތާ، ހަކުރު 14928 ބަސްތާ އަދި ހަނޑޫ 41683 ބަސްތާއެވެ.



މާލެ ސަަރަހައްދަށް ބަލާއިރު 4600 ބަސްތާ ފުށް، 1390 ބަސްތާ ހަކުރު އަދި 3340 ބަސްތާ ހަނޑޫ ވަނީ ޑެލިވަރީކޮށްފައެވެ.

މިދިޔަ މަހުގެ ތެރޭގައި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އެކުންފުނީގެ 9 ރީޖަނަލް ފިހާރައަކަށް ކާޑުގެ ބާވަތްތައް ވަނީ ފޯރުކޮށްދީފައެވެ.

އެސްޓީއޯއިން ދަނީ އަތޮޅުތެރޭގައި ތިބި އެކުންފުނީގެ އެޖެންޓުން މެދުކޮށްވެސް ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެކުންފުނީގެ މިހާރު 578 ކާޑު އެޖެންޓުން އެބަތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު