އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ތެރެއިން އެ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ 3 ސެގްމަންޓްގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ.

ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން ސެގްމަންޓް 1،2،3 ގައި ތާރު އެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ނިމި، މިހާރު ވަނީ އެބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ފަށާފައެވެ.

އެމްޓީސީސީން ބުނީ ކުރިއަށްއޮތް 7 ދުވަސްތެރޭގައި ސްޓެލްކޯއާ ހަމައަށް ތާރު އަޅާ ނިންމާލާނެކަމަށެވެ.



އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލު ކުރުމާ ގުޅިގެން، ސްޓޭޓް މިނިސްޓަރ އަކްރަމް ވިދާޅުވީ އެމަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށެވެ.

“ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ.” އަކްރަމް ވިދާޅުވިއެވެ.

އާރުޑީސީން ބުނީ އެގޮތަށް އެކަން ކޮށްފައިވަނީ އެމަސައްކަތް އަވަހަށް މުއްދަތަށް ނިންމުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން މިއަހަރުގެ ފެބްރުވަރީ މަހަށް ނިންމަންއޮތް އަމީނީމަގު ހެދުމުގެ މަސައްކަތް ނިންމުމަށް މިހާރު ކަނޑައަޅާފައިވަނީ އަންނަ ސެޕްޓެމްބަރ 27 އަށް ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.

މާލޭގެ އަމީނީ މަގު 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި ތިނެއް، 2022ގައި 84 މިލިއަން ރުފިޔާއަށެވެ. އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ހަމައެއާއެކު ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު