ތުރުކީވިލާތާއި ސީރިޔާއަށް މިދިޔަ ހަފްތާގައި ކުރިމަތިވި ބާރުގަދަ ބިންހެލުމާއި ގުޅިގެން އަނިޔާވި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ދާން ދިވެހި ޑޮކުޓަރުންނާއި ނަރުހުން އެދެމުންދާ ކަމަަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރު މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ތުރުކީ އާއި ސީރިޔާ ގުޅޭ ބޯޑަރު ކައިރިއަަށް މިދިޔަ ހަފުތާގައި އައި ބާރުގަދަ ބިންހެލުންތަކާއި ގުޅިގެން 25،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މިހާދިސާގައި 50،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތަކާއި ޒަހަމްތައް ލިބިފައެވެ. މިހާދިސާގައި ބިމާހަމަވެފައިވާ އެކި އިމާރަތްތަކުގައި މީހުން ތާށިވެފައިވާއިރު އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެެ. އެ މީހުންނަށް ފަރުވާދިނުމުގެ އިންސާނީ މަސައްކަތުގައި ރާއްޖޭގެ ފަރާތުން އިސްނަގައިގެން މަސައްކަތް ކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން ޑރ. މުޙައްމަދު ޢަލީއާއިއެކު ޓީމެއް ވަނީ ތުރުކީއަށް ގޮސްފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން އާންމުކުރި މެސެޖެއްގައި ޑރ. މުޙައްމަދު ޢަލީ މިއަދު ވިދާޅުވީ ބިންހެލުމާއި ގުޅިގެން ތުރުކީ އާއި ސީރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަަށް އެހީވުމަށް ދާން ދިވެހި ޑޮކުޓަރުންނާއި ނަރުހުން އެދެމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އެ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ފަދަ ގޮތެއް ހޯދުމަށްފަހު ރާއްޖެއިން އަންނަން ބޭނުންވާ ދިވެހި ޑޮކުޓަރުންނާއި ނަރުހުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

"ރާއްޖެއިން ވެސް ވަރަށް ގިނަ މީހުން އަޅުގަނޑަށް މެސެޖްކޮށްފައި ފިޒިކަލީ އަންނަން ބޭނުންވާ ކަމަށް ޑޮކުޓަރުންނާއި ނަރުހުން ވެސް ބުނެފައި އޮތީ، މިކޮޅަށް އައިސްފައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށްފަހު އެބޭފުޅުންނަށް ފުރުސަތު އޮތިއްޔާ އެ ފުރުސަތު ވެސް އަރުވާނަން، އިރާދަކުރެއްވިޔާ." ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.މުހައްމަދު އަލީ ވިދާޅުވީ ބިންހެލުމާއި ގުޅިގެން އިމާރަތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަަމަށެވެ. އަދި ވެއްޓިފައިވާ އިމާރަތްތަކުގެ ދަށުން އަދިވެސް މީހުން ރޯއަޑު އިވެމުންދާ ކަމަށާއި ކަމާބެހޭ ފަރާތްތަކުން ދިރި ހުރި ފުރާނަ އެއް ފެނޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިރިތިބި މީހުންގެ މެންޓަލް ހާލަތަށް ބަލާއިރު ވެސް ވަރަށް ދަށްވާނެ، ދެން ފިޒިކަލީ ވެސް އަަޅުގަނޑުމެންނަށް ވެވެން ހުރި އެހީއެއް ވެދެވެން އޮތް ގޮތްތަަށް ހޯދަމުން މިހާރު ވެސް މި ގެންދަނީ،" ޑރ.މުހައްމަދު އަލީ ވިދާޅުވިއެެވެ.

މިދިޔަ އަހަރު ޑރ. މުހައްމަދު އަލީ ވަނީ އައިއޭސީގެ ޓީމާއެކު ބަންގަލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ރޮހިންޔާ ދަރިކޮޅުގެ ފަރާތްތަކަށް ޒިޔާރަތްކޮށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.



ކިޔުންތެރިންގެ ހިޔާލު