އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފިއެވެ.

ފިރާގު ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ އެކަމަށްޓަކައި ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. މިހަފުލާގައި އެޕާޓީއާ ގުޅިވަޑައިގަތުމަށް ފޯމުގައި ސޮއިކުރެއްވުމަށްފަހު، ފިރާގު ވަނީ ޖުމުހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދާއި ފޯމް ހަވާލުކުރަށްވާފައެވެ.

މިހަފުލާގައި ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ލީޑަރުގެ އެޑްވައިޒަރުން ކަމަށްވާ އަހުމަދު ނިހާނާއި ރިޔާޒު ރަޝީދު ވަނީ ބައިވެރިވެވަޑަައިގެންފައެވެ.

އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މީގެ ކުރިން ވިދާޅުވެފައިވަނީ މި ވަގުތު ރާއްޖޭގެ ސިޔާސީ އުދަރެހުގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު، މިހާރު މި އޮތް ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނެ ލީޑަރަކީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށެވެ. ފިރާގު ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވައި ވާހަކަ ދައްކަވާފައެވެ.

ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެެ. އެޕާޓީގެ ދަފްތަރުގައި 23000 އަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. މިފަހުން ގިނަ އަދަދެއްގެ ބަޔަކު ޖުމުހޫރީ ޕާޓީއާއި ވަނީ ގުޅިފައެެވެ.

ޖުމުހޫރީ ޕާޓީން މިހާރު އަންނަނީ އެޕާޓީގެ ގައުމީ ޖަލްސާއަށް ތައްޔާރުވަމުންނެެވެ. ޖުމްހޫރީ ޕާޓީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތްތަކެއް މިމަހު ބާއްވާ ޖޭޕީގެ ގައުމީ ކޮންގްރެސްއަށް ފަހު ނިންމާނެ ކަމަށެވެ. ޖޭޕީގެ ކޮންގުރެސް މިމަހުގެ 24، އަދި 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު