ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

"ރަސްއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޕީޕިއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ)މިއަދު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން އައިސް ވޭނަކަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށެވެ. ހީނާ ވިދާޅުވީ ސަމަދުބެ ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އެހެން ނަަމަވެސް މިވަގުތު އޭނާ ހުރީ އިންޑިޔާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ސަމަދުބެ އިންޑިޔާގެ އިމިގްރޭޝަން ބެލުމުގެ ދަށައް ގެންދިޔަ ސަބަބު ސާފުވެފައިނުވާ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އެކަން ހާމަކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ސަމަދުބެ އިންޑިޔާ އަށް ދިޔައީ އާއިލާއާއެކު ބޭސް ފަރުވާއަކަށެވެ. އިންޑިއާގެ އިމިގްރޭޝަނުގެ އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުރިން ސަމަދު ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވިީ އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ ކަމަށާއި ހޮސްޕިޓަލުގައި އޭނާގެ ދަރިންނާއި އަނބިމީހާ އެކަނިވެރިކޮށްލާފައި އޭނާ މިހާރު އެއާޕޯޓަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ކުށަކީ ކޮބައި ކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑު ޑީޕޯޓުކުރުމުގެ މަސައްކަތައިގެން ކުރިއަށް އެ ދަނީ." ސަމަދު އާންމުކުރި ވީޑިއޯ މެސެޖްގައި ވިދާޅުވި އެވެ.

ސަމަދުބެ އިންޑިއާގެ އިމިގްރޭޝަން ބެލުމުގެ ދަށައް ގެނެސްފައިވާއިރު އޭނާ އަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އިންޑިއާއިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދިރިއުޅުއްވާ އަމީން އެވެނިއު ކައިރީ ކުރި ބައެއް މުޒާހަރާތަކުގައި ވެސް ސަމަދުބެ ވަނީ ހަރާކަތްތެރިވެފަވެއެވެ.



ކިޔުންތެރިންގެ ހިޔާލު