ސްކޫލް ދަރިވަރުން ކޭމްޕް ދިއުމަށް ތަރައްގީކުރާ ރަށުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިކަމަށް އިލްތިމާސްކުރެއްވީ ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީކުރަމުން އައިއިރުގައި، އެރަށާ ޖެހިގެން އަދި ކުޑަރަށެއް ތަރައްގީކުރާނެ ވާހަކަ އިޢުލާނު ކުރަށްވާފައިވާނެކަމަށެވެ. އެއީ އެޑިޔުކޭޝަން ދާއިރާގައި، ތަޢުލީމު އުނގެނެމުންދާ ކުދިން ދަތުރު އައިސް، ކޭމްޕްކޮށް، ސްކައުޓުންނާއި ގާރލްގައިޑުންނަށް، އެ ޚިދުމަތްތައް އެ ފަރާތްތަކަށް ލިބޭގޮތަށް ތައްޔާރުކުރެވޭ ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އެޗް.ޑީ.ސީ.އާއި އަޅުގަނޑުމެން ކުޑަގިރި ހަވާލުކުރި ދުވަހު، އެ ބައްދަލުވުމުގައި އަޅުގަނޑު ވާނެ އެކަން ޝަރުޠުކޮށްފައި. އެޗް.ޑީ.ސީ. އިން މިތަން ހުޅުވައިގެން، ޚިދުމަތް ދޭއިރުގައި، އެ ރަށް ޖެހޭނެއޭ މިތަނުގައި އޮންނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޗް.ޑީ.ސީ.އިން ލަސްނުކޮށް އެ މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ އިލްތިމާސެއްކަމަށެވެ.

މާލެ ސަރަހައްދުގައި މީގެކުރިން ދަރިވަރުން ސްކޫލް ކޭމްޕް ގޮސްފައިވަނީ ފޭދޫފިނޮޅަށެވެ. ނަމަވެސް ސަރުކާރުގެ ބޭނުމަކަށް އެރަށް މީގެ އަހަރުތަކެއް ކުރިން ވަނީ ނަގާފައެވެ. އެހެންކަމުން ދަރިވަރުން ކޭމްޕް ދާނެ ރަށެއް މާލެ ސަރަހައްދުގައި ނެތުމަކީ ވަރަށް ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު