މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ކުޑަގިރި ތަރައްގީކުރުމަށް ނާއިބު ރައީސް ފައިސަލް ނަސީމްއާއި ސަރުކާރުގެ ކުންފުނިތަކުން ކުރި މަސައްކަތަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ކުޑަގިރި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވިދާޅުވީ މި ރަށް މިހިސާބަށް ގެނެވިފައި މިއޮތީ، ވަރަށްގިނަ ބައެއްގެ ބުރަ މަސައްކަތުންކަމަށެވެ. އޭގެތެރޭގައި، ޕްލޭނިންގ މިނިސްޓްރީއާއި، އެޗް.ޑީ.ސީ.އާއި، އެމް.ޓީ.ސީ.ސީ. އާއި، ސްޓެލްކޯއާއި، ފެނަކައާއި، ވެމްކޯއާއި، އެމް.ޑަބްލިޔު.އެސް.ސީ.ގެ އިތުރުން މަސީއާއި، އަދިވެސް ބައެއް އަމިއްލަ ފަރާތްތަކުގެ ވަރަށް ދީލަތި އެހީތެރިކަން ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް، އެ ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑު މިއަދު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު އަދާކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، ވަރުބަލިކަމެއް ނެތި، ކޮންމެ ދުވަހަކު ވަރަށް ގާތުން މިކަން ބައްލަވަމުން ގެންދެވި އެއް ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްކަމަށެވެ.

"އެ ކަމަށްޓަކައި ވީ.ޕީ. އަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު އަދާކުރަން. މި ރަށް ހިއްކައި، މިހިސާބަށް ގެނައުމުގައި ކޮންމެ ދުވަހަކު ކަހަލަހެން އަޅުގަނޑަށް އެ އަޕްޑޭޓްތައް، ފައޞަލް ގެންދެވީ ދެއްވަމުން. ގެންނަންޖެހޭ ބަދަލުތައް، ދުވަހުން ދުވަހަށް ގެނެސް، އެންމެފަހު ދުވަހާ ހިސާބަށް ގެނައުމުގައި، އެ މަނިކުފާނު ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި. އެ ކަމަށްޓަކައި އަޅުގަނޑާއި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާ އެކުގައި އަދިވެސް އެއްފަހަރު ވީ.ޕީ. އަށް ޝުކުރު އަދާކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި މަސައްކަތް މިހިސާބަށް ގެނައުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން، ސްޓާފުން ކުރެއްވި ބުރަ މަސައްކަތްވެސް ފާހަގަކުރައްވައ، އެ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު