ހުޅުމާލޭގައި ސްމާޓް ޕާކިން ތައާރަފްކޮށް، އެ ހިދުމަތް ލުއި ފަސޭހަ ގޮތެއްގައި ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޕްލިކޭޝަނެއް ހެދުމުގެ އެޗްޑީސީން ފަށައިފިއެވެ.

ޕާކިންގެ މައްސަލައަށް "ސްމާޓް ސޮލިއުޝަނެއް" ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން ހުޅުމާލޭގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތަށް ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެޗްޑީސީން ބުނީ ރާއްޖޭގައި މުޅިން އަލަށް ޓެސްޓް ކުރަން ތައްޔާރުވަމުން އަންނަ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ތަރައްގީކުރަމުން އަންނަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި ކަމަށެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވްކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްކޮށް، އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯނުގައި ހަރުކޮށްފައިވާނެ ކަމަށެވެ. އެތަނުގައި ޕާކުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކެމެރާ ވެސް ހަރުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ޕާކިން ޒޯނު ތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ޑިޖިޓަލް ބޯޑެއް ވެސް ބޭރުގައި ވަނީ ހަރުކޮށްފައެވެެ. އަދި މިވަގުތު ހަމައެކަނި ކާރު ޕާކިންނަށް ކަނޑައަޅާފައިވާ މި ސްމާޓް ޕާކިން ޒޯނުގައި ކުރު މުއްދަތަށާއި ދިގު މުއްދަތަށް ޕާކުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް އެތަނުގައި ޖާގަތަކެއް ހާއްސަކޮށްފައި ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން މިއަދު ބުނީ ޕާކިން މައްސަލައަށް މުޅިން ތަފާތު ހައްލެއް ހޯދައިދިނުމަށް އެޗްޑީސީން މަސައްކަތްކުރަމުން އަންނައިރު އެކަން ލުއި ގޮތެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕާކިން އެޕްލިކޭޝަނެއް ވެސް ތައާރަފްކުރާނެ ކަމަށެވެެ.

މިއީ އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަދާ އެޕްލިކޭޝަނަކަށްވާއިރު އެ އެޕް މެދުވެރިކޮށް ޕާކިން ޒޯނުގައި ހުންނަ ހުސް ޖާގަތަކާއި ޕާކު ކުރެވޭނެ އަގުތަކުގެ އިތުރުން ޖާގަ ރިޒާވްކޮށް، ފައިސާ ވެސް ދެއްކޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާއި ޕާކިން ޖާގައާ ހަމައަށް ނެވިގޭޓްކޮށްދިނުމާއި ބޭނުންކުރާ ފަރާތުގެ ޕްރޮފައިލް ވެސް އެޕުން ފެންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު