މިދިޔަ ޖެނުއަރީމަހު މީރާއަށް ރެކޯޑް އަދަދަކަށް އާމްދަނީ ބަލައިގެންފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަނަވަރީމަހު މީރާއަން ވަނީ 3.40 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ. މިއީ މިދިޔަ އަހަރުގެ ޖަނަވަރީއާއި އަޅާބަލާއިރު 43.1 އިންސައްތަ އިތުރު އަދަދަކަށްވާއިރު، މިއީ ޖަނަވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެވެސް އިތުރު އަދަދެކެވެ.

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބަޔަކީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 1.62 ބިލިއަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސްގެ ގޮތުގައި 1.30 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.



ގްރީން ޓެކްސްގެ ގޮތުގައި 100.79 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 94.04 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.60 މިލިއަން ރުފިޔާ ޖަނަވަރީ މަހު ވަނީ ލިބިފައެވެ. މީގެއިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 198.63 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީރާއިން މައުލޫމާތުދޭގޮތުގައި މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވީ ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، އެއަރޕޯޓް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ޖަނަވަރީމަހު މީރާގެ އާމްދަނީ އިތުރުވެފައި މިވަނީ ޖަނަވަރީން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ސަރުކާރުން ބަދަލު ގެނަސްފައި ވެސް ވަނިކޮށެވެ. މި ބަދަލުތަކާއެކު ދައުލަތަށް މިހާރު ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނޭކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު