މިދިޔަ ހަތަރު އަހަރު އެމަނިކުފާނުގެ ސަރުކާރުގައި ކުރެވުނު މަސައްކަތުން ފަނޑިޔާރުގެއާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ނުރަނގަޅު ތަސައްވަރު ބަދަލުވެ، އިތުބާރު އުފެދެމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު 2023 އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި މިވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ކުރެއްވި މަސައްކަތުން ފަނޑިޔާރުގޭގެ ނިންމުންތަކާއި މެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފެދެމުންދާކަމަށެވެ. ރައީސް ވިދާޅުވީ ފަނޑިޔާރުގެއާއިމެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފެެއްދުމަކީ ސަރުކާރުން ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކޮށް، އެ ދާއިރާއާމެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދުލު އިންސާފު ގާއިމުކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށާއި، އިންސާފު ގާއިމު ކުރެވޭނީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރުމަށް، އަދުލު އިންސާފުގެ ބާރުގެ އިތުރުން ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ ވެރިކަން ކުރާ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ޒިންމާ ވެސް ކުޑަ ނޫން ކަމަށެވެ. އެގޮތުން ބަދަލުތަކަކީ ވެސް ތިން ބާރު ގުޅިގެން ގެނެވިފައިވާ ބަދަލުތަކެއް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސް ވިދާޅުވީ ތަހުގީގީ މަރުހަލާއިން ފެށިގެން ދައުވާ ކުރުމާ ހަމައަށް ހިނގާ މަރުހަލާތަކަކީ ވެސް އަދުލު އިންސާފު ގާއިމުކުރުމަށް އޮތް މުހިންމު މަރުހަލާތަކެއް ކަމަށެވެ.

"ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށްޓަކައި، ތަހުގީގީ މަރުހަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށް ވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަޤިއްލު ބާރެއްގެ ގޮތުގައި ކަމަށެވެ. އަދި ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު