ކޯޓުތަކުގެ އުމްރާނީ ތަރައްގީއަކީ އަދުލު އިންސާފު ގާއިމު ކުރުމުގައި ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު 2023 އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު ވެސް، ކޯޓުތަކުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، އައު ކޯޓުތައް އިމާރާތްކުރުމާއި، ކޯޓުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންގޮސްދީފައިވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކި އަތޮޅުތަކުގެ 8 ރަށެއްގައި ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި އަލަށް ހިމަނާފައިވާނޭ ކަމަށާއި ހައި ކޯޓާއި މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް، ހުޅުމާލޭގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިންމައި، އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އައްޑޫގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްވެސް މިހާރު އޮތީ ބީލަން މަރުހަލާ ނިމި ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި. ކްރިމިނަލް ކޯޓަށް ކުރިމަތިވެފައިވާ އިމާރާތުގެ މައްސަލައަށް ވެސް އަޅުގަނޑުމެން އެބަ ހައްލެއް ހޯދަން. އެ މަސައްކަތް މިހާރު ވާނީ އެޗްޑީސީއާއި ހަވާލު ކޮށްފައި. އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަސްތަކެއް ނުވެ އެކަމަށް ވެސް ހައްލެއް ލިބިގެން ދާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ އުމްރާނީ ތަރައްގީގެ އިތުރުން ޝަރުއީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ފަހިކޮށްދޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު